ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމާ މެދު އޮތް ނުތަނަވަސްކަމަކީ "ސިޔާސީ އޮއިވަރެއް" ކަމުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. 

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. މިމަސައްކަތުގެ ދަށުން ހަނިމާދޫގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން، ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދޭތީ އެކަމާ ދެކޮޅަށް ހަނިމާދޫ ރައްޔިތުން ވަނީ މިމަހުގެ 14 ވަނަ ދުވަހު މުޒާހަރާ ކޮށްފަ އެވެ. އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގެ އަހުލުވެރިންނަށް ގޯތި ނުދީ، އެހެން ރަށަކުން ބަދަލުކުރާ ބަޔަކަށް އިސްކަން ދިނުން ކަމަށްވާއިރު، މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ހިރިމަރަދޫ މީހުންނަށް ގޯތި ދޭންވާނީ ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅި ސަރަހައްދުން ގޯތި ދޫކޮށް ނިންމުމަށްފަހު ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތަކީ، މިނިސްޓްރީގެ އިޚްތިސާސްގެ ތެރޭގައި ސީދާ ހިމެނިފައިވާ މަސައްކަތެއް ނޫން ކަމަށާއި، ނަމަވެސް އަތޮޅުގެ ރަށްރަށުގައި ހިންގާ މި ބާވަތުގެ ކޮންމެ ކަމެއް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެކަމުގައި ސިޔާސީ އޮއިވަރެއް ހިނގަމުންދާކަން ފާހަގަ ކުރައްވައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެންމެ ފުރަތަމަ މަރުހަލާގައި ހަނިމާދޫއަށް މީހުން ބަދަލުކުރުމަށް ރައްޔިތުންނާއި ކައުންސިލާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އެފަދަ މައްސަލައެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ. 

ނަމަވެސް ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލު ކުރާއިރު ހަނިމާދޫ އިން ލިބެން ޖެހޭ އަސާސީ ހިދުމަތްތަކާއެކު ކުރިއެރުންތަކެއް ހުރިކަން އޭރު ވެސް ފާހަގަކުރެވުނު ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މިހާރު ވެސް އެ ޚިދުމަތްތައް ރަނގަޅުކޮށްގެން ކުރިއަށް ގެންދިއުން ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

 އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އުފެދިފައިވާ ނުތަނަވަސްކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ހިނގާ ސިޔާސީ ކަމެއް ކަމަށެވެ. 

ތި ވިދާޅުވި ގޮތަށް ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމާ ގުޅިގެން އެތަނުގައި ސިޔާސީ އޮއިވަރެއް ހިނގަމުންދާ ކަމަށް ގަބޫލުކުރެވޭ. އެހެންނަމަވެސް، އެ މަސައްކަތް ހިނގަމުންދިޔައިރު އެކަން ވަރަށް ގާތުން ބެލި މީހެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމަށް ވާހަކަދެއްކި މަޝްވަރާ ކުރެވުނު އިރު، އަދި ކޮމިއުނިޓީ ކޮންސަލްޓޭޝަން ގެންދެވުނު އިރު ވެސް، ރައްޔިތުންނާއި އަދި ކައުންސިލާ ވެސް ބައްދަލުކުރުމުގައި ވެސް، އަޅުގަނޑު ވެސް އޭގެތެރޭގައި ބައިވެރިވެގެން މަސައްކަތްކުރިއިރުގައި އޭރަކު އެ މައްސަލަތަކެއް ފާހަގަކުރެވިފައެއް ނެތް. އަދި އޭރަކުވެސް އެކަންކަމަކީ ތި ވިދާޅުވާ ކަހަލަ މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަކަށް ފާހަގަކުރެވިފައެއް ނެތް.
ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލު ކުރުމުގައި ދެ ރަށުގެ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަކަށް މައްސަލަ ހައްލު ކުރާނެ ކަމަށާއި، މިއީ ހައްލު ނުކުރެވޭވަރުގެ މައްސަލައެއް ނޫން ކަމަށެވެ.  އަދި ވިދާޅުވީ ކައިރި މުސްތަގްބަލެއްގައި އެ މަސައްކަތް ފެށިގެން ދިއުމުން މައްސަލަަތަކަށް އަވަސް ހައްލެއް ލިބޭނެ ކަމަށެވެ.