
މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި
ބަހައްޓާފައިވާ އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި، ރެފަރެންޑަމްއަށް ނޫނެކޭ ބުނަންޖެހޭ
ސަބަބުތައް ބަޔާންކޮށް ބަހައްޓާފައި ހުރި ޕޯސްޓަރުތަކާއި ބެނާތަކަށް
އެކި ކަހަލަ ގެއްލުންތައް ދީފިއެވެ.

މާލެއަށް ބަލާއިރު، އަންގާރަ ދުވަހު ބޮޑުތަކުރުފާނުމަގު
އެމްއެމްއޭ ސަރަހައްދު ބަނދަރުމަތީގައި އެމްޑީޕީން ހަރުކޮށްފައި ހުރި ކެމްޕެއިން
ބެނާތަކެއް، އެމްޓީސީސީގެ ޔުނީފޯމުގައި ތިބި މުވައްޒަފުންތަކެއް ނިކުމެ ވަނީ ނަގާފައެވެ.
އޭރު އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އިސް ފަރާތްތަކުން އެމްޓީސީސީގެ
ސުޕަވައިޒަރާ ސުވާލުކުރުމުން އޭނާ ބުނީ، އެތަނުގައި ހުރި ބެނާ ކަނޑާލެވުނީ
އޮޅުމަކުން ކަމަށެވެ.


އެމްޑީޕީ އިން ބޮޑުތަކުރުފާނު މަގު، އެމްއެމްއޭ އާއި ދިމާ ބަނދަރުމަތީ ގައި ބަހައްޓާފައި ހުރި ކެމްޕެއިން ބެނާތަކެއް، އެމްޓީސީސީގެ ޔުނިފޯރމްގައި ތިބި މުވައްޒަފުންތަކެއް ނަގަނީ
ހަމައެއާއެކު، ބޭރުމަގުގައި ހުރި މާލެސިޓީ މޭޔަރު
އާދަމް އާޒިމްގެ ބިލްބޯޑެއްވެ ސް ހަމަ އެމްޓީސީސީގެ މުވައްޒަފުންތަކެއް ނުކުމެ ވަނީ
ނަގައި ވީދާލާފައެވެ. އޭރު އެ މަސައްކަތް ކުރަމުންދިޔަ ފަރާތްތަކާ ރާއްޖެއެމްވީން
ސުވާލުކުރުމުން އެ ފަރާތްތަކުން ބުނީ، ޕޯސްޓަރުތައް ނަގާކަން އެމްޑީޕީއާއި
އާޒިމަށްވެސް އަންގާފައިވާނެ ކަމަށެވެ.

ސަރުކާރުން އެމްޓީސީސީގެ މުވައްޒަފުން ލައްވާ އާޒިމްގެ ބޮޑު ބިލްބޯޑު ހަލާކުކޮށްލައިގެން ނަގަނީ
އެހެންނަމަވެސް އާޒިމް ފަހުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓުން އެއީ
ސައްޙަ މައުލޫމާތެއް ނޫންކަން ވަނީ ހާމަވެގެން ގޮސްފައެވެ. އެގޮތުން އާޒިމް
ވިދާޅުވީ، ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، އެކަށީގެންވާ ވަގުތު ދީގެން،
ތަކެއްޗަށް ގެއްލުން ނުވާނެހެން ކަންކަން ކުރެވޭނެ އިންތިޒާމެއް އޮންނަންޖެހޭނެ
ކަމަށެވެ.
މީގެ އިތުރުން، ގއ ވިލިނގިލީގައި ހުރި އެމްޑީޕީގެ
ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ވެސް ރޭގެ ވަގުތެއްގައި ވަނީ ކަޅުތެޔޮ ޖަހާފައެވެ.
އެ މައްސަލަ ބެލުމަށް ވިލިނގިލީ އެމްޑީޕީ މެމްބަރުން ކަމާބެހޭ ފަރާތްތަކަށް
ގޮވާލާފައިވެއެވެ.
ހަމައެއާއެކު، ވިލިނގިލީގައި ހުރި "ނޫނެކޭ
ކެމްޕޭން" ގެ ޕޯސްޓަރުތަކަށް ވެސް ގެއްލުންތައް ލިބިފައިވެއެވެ.
މީގެ އިތުރުން، ދ ކުޑަހުވަދޫގައި ހުރި އެމްޑީޕީ
ކެންޑިޑޭޓުންގެ ބޮޑު ޕޯސްޓަރެއްވެސް ކަފާލާފައިވާ މައްސަލައެއް ފެންމަތިވެފައިވެއެވެ.

ދ ކުޑަހުވަދޫގައި ހުރި އެމްޑީޕީ ކެންޑިޑޭޓުންގެ ބޮޑު ޕޯސްޓަރަށް ގެއްލުންދީފައި
އެހެންކަމުން އެއްފަހަރާ ރާއްޖޭގެ އެކި
ކަންކޮޅުތަކުގައި ހުރި އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރުތަކާއި ބެނާތަކަށް
ގެއްލުންތައް ދެމުންދާތީ މިއީ އިއްތިފާޤެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު
ކުރަމުންނެވެ. އަދި މި މައްސަލަތައް ކަމާ ބެހޭ އިދާރާތަކުން ނުބަލާތީ އެކަމާވެސް
ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މީގެ ކުރިން ވެސް ސަރުކާރުން ވަނީ އެޗްޑީސީގެ މުވައްޒަފުން މެދުވެރިކޮށް ހުޅުމާލޭގައި ހަރުކޮށްފައި ހުރި އެމްޑީޕީގެ ކެމްޕެއިން ބެނާތަކާއި ޕޯސްޓަރުތަކަށް ގެއްލުންދީފަ އެވެ. މިފަދަ އަމަލުތައް ތަކުރާރުވަމުންދާތީ އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.