ރެފަރެންޑަމް ވޯޓު ކާމިޔާބުކޮށްގެން ދެ އިންތިޚާބު
ބާއްވައި ރައީސް މުއިއްޒަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނުނަމަވެސް،
މަޖިލީހުގެ މެޖޯރިޓީ  ނުލިބިދާނެ ކަމަށާއި،
އެ ޙާލަތުގައި ރައީސް އަޒުލު ކުރުމަކީ ވަރަށް ގާތް ކަމެއްކަމަށް ސުޕްރީމް ކޯޓުގެ
ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.  

އަންގާރަ ދުވަހުގެރޭ ރާއްޖެޓީވީން ގެނެސްދިން
ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ، ރައީސް ޑރ މުޙައްމަދު
މުއިއްޒު ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ޚިޔާރުކުރަންޖެހޭ ސަބަބެއް އެބައޮތް ކަމަށެވެ.
އަދި އެ ސަބަބަކީ ރައީސް އިންތިޚާބުކުރާ ވޯޓާއި މަޖިލިސް މެމްބަރުން
އިންތިޚާބުކުރާ ވޯޓު އެއް ދުވަހެއްގައި ނަގައި ރައީސަށް އަޣުލަބިއްޔަތު
ލިބުނުނަމަވެސް، މަޖިލިސް އިދިކޮޅަށް ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށްވާތީ ކަމަށް
ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވި ގޮތުގައި އެ ޙާލަތުގައި ރައީސް
މުއިއްޒު އަޒުލު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ހުދު ރައީސް މުއިއްޒުވެސް ވިސްނާވަޑައިގަންނަވަން
ޖެހޭ ކަމެއްކަމަށް ސުއޫދު ވިދާޅުވިއެވެ.  

މި އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެން މި އިޞްލާޙު ގެނެސްގެން ރައީސް އިންތިޚާބުކުރާ ވޯޓާއި މަޖިލިސް މެމްބަރުން އިންތިޚާބުކުރާ ވޯޓު އެއް ދުވަހެއްގައި ލައިގެން ރައީސުލްޖުމްހޫރިއްޔާއަށް އަޣުލަބިއްޔަތު ލިބިފައި ރައީސް އިންތިޚާބުވެ، މަޖިލިސް އޭގެ އިދިކޮޅަށް ދިއުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އެހެންވެއްޖެއްޔާ އޭގެ ދެ ދުވަސް ފަހުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ރައީސުލްޖުމްހޫރިއްޔާއަކަށް ނުހުންނެވޭނެ، އެއީ އެމަނިކުފާނު ވިސްނާވަޑައިގަންނަވަން ޖެހޭނެ ކަމެއް، އެމަނިކުފާނު އަޒުލުކުރުމުގެ ޗާންސް ވަރަށް ބޮޑު، އުއްމީދުކޮށްގެން ނުވާނެ ދެ އިންތިޚާބު އެއްގޮތަކަށް ހިނގައިދާނެ ކަމަކަށް، ރިޔާސީ އިންތިޚާބު ރައީސް މުއިއްޒަށް ފަހަރުގައި ކާމިޔާބު ކުރެވިދާނެ، ނަމަވެސް މަޖިލީހުގައި މައިނޯރިޓީ ލިބުމަކީ ވަރަށް އެކަށީގެންވާ ކަމެއް، އެހެންވެއްޖެއްޔާ އޮންނާނީ ހަމަ ރީތި ބޮނޑިއެއް ބޮވިފައި.  
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު


ސުއޫދު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ
ބާރެއް އޮތްކަމަށް މިއަދު އެއްވެސް ދިވެހި ރައްޔިތަކު ޤަބޫލެއް ނުކުރާނެ ކަމަށެވެ.
 އަދި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ
ރައީސްވެސް މިއަދު ނެތްކަމަށް ދެންނެވިދާނެ ކަމަށެވެ.

ހަމައެއާއެކު، މުޅި މަޖިލީހުގެ މަސައްކަތްތައް
މިއަދު ރޭވިގެން އަންނަނީ ރައީސް އޮފީހުގެ ތެރެއިން ކަމަށާއި، ބާރުތައް މިއަދު އޮތީ
މަސްހުނިވެފައިކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

މަޖިލިސް ހިނގަނީ ރައީސުލްޖުމްހޫރިއްޔާގެ ތަމްބް ގެ ދަށުންނެއް ނޫނޭ ބުނާނެ ރައްޔިތަކު ހުންނާނެހެން އަޅުގަނޑަކަށް ހިއެއް ނުވޭ،
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު

ސުއޫދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހާ
ގުޅޭ ކަންކަން ހެޔޮ ނިޔަތުގައި އިސްލާޙު ކުރަން ބޭނުންވާނަމަ މިއަދު ކުރެވިދާނެ
ކިތަންމެ ކަމެއް އެބަ ހުއްޓެވެ. އެހެންކަމުން ބާރުތައް ވަކި ކުރުމާ ގުޅޭގޮތުން
މިއަދު ދައްކަމުންދާ ވާހަކަތައް ދެކޮޅެއް ނުޖެހޭކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ، ރެފަރެންޑަމް ވޯޓެއް ނެގުމަށް
ރައީސް ނެރުއްވި ޤަރާރުގައި އެކަށީގެންވާ ހުއްޖަތްތަކެއް ބަޔާންކޮށްފައި ނެތް
ކަމަށާއި، އެ ވާހަކަތައް ދެކޮޅުޖެއްސޭނެ ގޮތެއްވެސް ނެތް ކަމަށެވެ. އަދި އެ ހުރިހާ
ކަމެއްވެސް ބައްޓަންވެފައި އޮތީ ސަރުކާރުން މިކަން ކުރަނީ ހެޔޮ ނިޔަތެއްގައި
ނޫންކަން ދޭހަވާގޮތަށް ކަމަށް ސުއޫދު ވިދާޅުވިއެވެ.