ހއ. މުރައިދޫ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކުރި ނަމަވެސް މިހާރު އެރަށުގައި މަސައްކަތް ކުރަމުންދަނީ އެމްޓީސީސީގެ އެންމެ 4 ބިދޭސީ މުވައްޒަފުން ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ. 

ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަވިޔުއެއްގައި އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އަބްދުލްކަރީމް އަލީ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގަންނަވައި، ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ ބިންގާ އަޅުއްވައި ދެއްވި ކަމަށާއި، ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވި ކަމަށެވެ. 

އެގޮތުން ޕޮލިސް ސްޓޭޝަނުގެ މަސައްކަތް، އައު މިސްކިތެއްގެ އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޓާފް އަޅައިގެން ތަރައްގީ ކުރި ފުޓްބޯޅަ ދަނޑުގެ ބޭރުގެ ފެންސް ޖެހުމުގެ މަސައްކަތް މިސަރުކާރުން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެމަސައްކަތް ކުރިއަށް ނުދާ ކަމަށާއި، ދަނޑު ބޭރުގައި ހުރި ފާރު ވައްޓާލުމުގެ ސަބަބުން ފުޓްބޯޅަ ކުޅޭއިރު، ބޯޅަ ވަލަށް ދާތީ އެކަމުގެ އުދަނގޫ ކުރިމަތިވެފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ. 

މިމަޝްރޫއުތައް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާކަން ފާހަގަކުރައްވައި އަބްދުލްކަރީމް ވިދާޅުވީ، މިވަގުތު އެރަށުގައި މަސައްކަތް ކުރަމުންދަނީ އެންމެ 4 ބިދޭސީން ކަމަށެވެ. 

އެހެންކަމުން އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށްދާން ޖެހޭ ގޮތަށް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމީހުން މަސައްކަތްތައް ކުރިއަށް ގެންދަނީ ވަގުތު ބަހައިގެން ކަމަށެވެ. 

އަޅުގަނޑުމެން ހީކުރީ ވަރަށް ބިޔަ ޕްރޮޖެކްޓެއް ކަމަށް މިތާގައި މިހިންގަނީ. އެފާރު ވައްޓާލައިގެން ފެންސްއެއް ހަމައެކަނި ގޯލާ ދިމާލުގައި ޖަހާލަން މިޖެހެނީ. އެވެސް މުރައިދޫގެ ރައްޔިތުންނަށް މިއަދު ވެފައި މިވަނީ ތަކުލީފަކަށް. އަޅުގަނޑުމެންގެ ޒުވާނުންނާއި ކުޑަކުދިން މިހާރު ބޯޅަ ޖަހާ ކޮންމެ ފަހަރަކު ފާރު ވައްޓާލާފައި އޮތީމަ މިރިހިވަލަށް ބޯޅަ ބަލާ ދާން މި ޖެހެނީ. އެ ހާލަތުގައި އެތަން އޮތީ. އެތަން ވެސް ކުރިއަށް ނުކަނޑާ. އެމްޓީސީސީއާ ހަވާލު ކޮށްފައި އޮތީ. ފުޓްބޯޅަ ދަނޑުގެ ޕްރޮޖެކްޓް، ޕޮލިސް ސްޓޭޝަން އަޅަން އެމްޓީސީސީއާ ހަވާލު ކޮށްފައި އޮތީ، މިސްކިތް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ. އެމްޓީސީސީގެ ސައިޓޫގައި މިތާގައި ވޯކް ކުރަނީ 4 ބިދޭސީން. 
ކައުންސިލްގެ ނައިބު ރައީސް އަބްދުލްކަރީމް އަލީ

މިހާރު އެރަށުގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން އިތުރަށް އަބްދުލްކަރީމް ވިދާޅުވީ އެރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ އިންތިޚާބުތަކާ ދިމާކޮށް ކަމަށެވެ. އަދި ކައުންސިލް އިންތިޚާބުގެ ފަހުން މަސައްކަތްތައް ކުރިއަށްދާނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި އަބްދުލްކަރީމް ވިދާޅުވީ، ފެނަކަ އިންޖީނުގެއާއި، އައު އޮފީސް އިމާރާތްކޮށް 250 ކިލޯވޮޓްގެ ޖެންސެޓެއް ގެނެސްފައިވާ ކަމަށާއި، ފުޓްބޯޅަ ދަނޑު، އައުޓްޑޯ ޖިމް، ސްކޫލުގެ އައު ފާހަނާ ބަރި އިމާރާތް ކުރުމާއި، އަރޓިފިޝަލް ބީޗެއް ތަރައްގީ ކުރުމުގެ އިތުރުން ފެނުގެ އާރުއޯ ބިލްޑިން އިމާރާތްކޮށް، ފެނުގެ ޚިދުމަތް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން އަބްދުލްކަރީމް ވިދާޅުވީ ކޯޓު އިމާރާތް ކުރުމުގެ މަސައްކަތް ފެށި ކަމަށާއި، ބަނދަރުގެ 95 އިންސައްތަ މަސައްކަތް ކުރީ ސަރުކާރުގައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރާއެކު މި މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބަނދަރުގެ ބޭރުގައި ޖަހާފައި އޮތް ހިލަ ތޮށިގަނޑު ކޮޅިގަނޑަކާއެކު ވެއްޓިފައިވާ ކަމަށާއި، އެތަން އަދިވެސް އޮތީ އެގޮތަށް ކަމަށެވެ.