މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމްގެ ކެމްޕޭން ބިލްބޯޑެއް، ސަރުކާރުން އެކްސްކަވޭޓަރު ބޭނުންކޮށްގެން ނަގައި ހަލާކުކޮށްލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ހައެއްކަ ދުވަހަށް ވެފައި ވަނިކޮށް، ބޭރުމަގުގައި ހުރި މި ބޮޑު ބިލްބޯޑު ނަގާފައިވަނީ ފްރޭމްގަނޑު އިރާލައިގެންކަމަށް މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ކެމްޕޭން ޕޯސްޓަރުތައް ނެންގުވިޔަސް، ރައްޔިތުންގެ ހިތްތަކުގައި އޭނާއަށް އޮތް ލޯތްބާއި، ކޮށްދީފައިވާ ޚިދުމަތުގެ އަގު ނު ފޮހެވޭނެ ކަމަށެވެ. "ޕޯސްޓަރުތައް ނެގިދާނެ، ރައްޔިތުންގެ ހިތުގައި އޮތް ލޯތްބެއް، ކޮށްދީފައިވާ ޚިދުމަތުގެ އަގެއް ނުފިލުވޭނެ،" މޭޔަރު ވިދާޅުވި އެވެ.

މަގު ފުޅާކުރުމުގެ މަސައްކަތް މިވަގުތު ތައްޔާރުވަމުންދަނީ ނަސަންދުރަ ކުރިމަތީގެ ސަރަހައްދުގައި ކަމަށްވާއިރު، ތަރައްޤީގެ މިފަދަ މަސައްކަތްތައް ކުރިއަށްގެންދާއިރު ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، އެކަށީގެންވާ ވަގުތު ދީގެން، ތަކެއްޗަށް ގެއްލުން ނުވާނެހެން ކަންކަން ކުރެވޭނެ އިންތިޒާމެއް އޮންނަންޖެހޭނެ ކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.

ޚާއްޞަކޮށް މާދުރުގައި ބީއެމްއެލް ކުރިމަތީގައި ހުރި އެއްޗެއް ހަލާކުކޮށްލައިގެން ނެގުމަކީ ވަރަށް ހިތާމަހުރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. މާލެ ސިޓީގައި މިވަގުތު ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ބިލްބޯޑުތަކާއި އިޝްތިހާރުތަކުން އިންތިޚާބީ ފޯރި ގަދަވެފައިވާއިރު، މި ހާދިސާއަކީ ސިޔާސީ ގޮތުން ކުރި ގޯސްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.