އެެެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހް ނުރައްކާ ވުމުގެ ސަބަބުން ފިލިޕީންސް އަށް  ބޭނުންވާ ތެލުގެ ސަޕްލައިއަށް ކުރިމަތިވެފައިވާ "ނުރައްކާތެރި ހާލަތަށް" ރިއާޔަތްކޮށް، އެ ގައުމުގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އެ ގައުމުގެ ސަރުކާރުން އިއުލާންކޮށްފިއެވެ.

ދުނިޔޭގެ ސަޕްލައި ޗެއިންއަށް ކުރިމަތިވެފައިވާ ބޮޑެތި ހުރަސްތަކާއެކު، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރިޔާސީ ގަރާރެއްގައި ސޮއިކުރައްވާފައިވާ ކަމަށް ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ވިދާޅުވިއެވެ.

އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި، ކަނޑުގެ މުހިންމު މަގެއް ކަމަށްވާ ސްޓްރެއިޓް އޮފް ހޮރްމޫޒް ބަންދުވުމާ ގުޅިގެން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. މީގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، ތެޔޮ ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

ފިލިޕީންސަކީ ތެޔޮ އިމްޕޯޓްކުރުމަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވުމުން، ތެޔޮ އުފެއްދުމަށާއި އޭގެ ސަޕްލައިއަށް އަންނަ މިފަދަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެ ގައުމަށް ވަރަށް ބޮޑަށް ކުރެއެވެ.

އަންގާރަ ދުވަހު މީޑިއާއާ ހިއްސާކުރި ރިޔާސީ ގަރާރުގައި މާކޯސް ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ގައުމަށް ބޭނުންވާ ހަކަތަ ލިބުމަށާއި އޭގެ އަގު ހިފެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ، މުޅި ގައުމުގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާ ކަމަށެވެ.

މި ނިންމުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ކުރިމަތިވަމުންދާ ހުރަސްތަކުން އަރައިގަތުމަށްޓަކައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން "ވިލަރެސްކުރެވިފައިވާ ފިޔަވަޅުތަކެއް" އެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މާކޯސް ވިދާޅުވިއެވެ.

މީގެ އިތުރުން، ތެލާއި، ކާބޯތަކެއްޗާއި، ބޭހުގެ އިތުރުން ޒަރޫރީ އެހެނިހެން މުދާ ހަމަޖެހޭ އުސޫލަކުން ފޯރުކޮށްދިނުމާއި ބެހުމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މި ހާލަތު އުވާލަން ނިންމަވަންދެން ނުވަތަ މުއްދަތު އިތުރުކުރަންދެން، މި ކުއްލި ނުރައްކަލުގެ ހާލަތު އެއް އަހަރު ދުވަހުގެ މުއްދަތަށް ދެމިއޮންނާނެއެވެ.

މި ފިޔަވަޅު އަޅާފައިވަނީ، ތެލުގެ އަގު އުފުލުމުގެ ސަބަބުން ފިލިޕީންސްގެ އާއިލާތަކަށް ކުރިމަތިވެފައިވާ "ކުއްލި ނުރައްކަލުގެ ހާލަތުގެ" ދަތިތައް ގަބޫލުކުރުމަށް ބައެއް ސެނެޓަރުން ރައީސް މާކޯސްއަށް ގޮވާލާފައިވަނިކޮށެވެ.

އަންގާރަ ދުވަހު ތެލުގެ އަގަށް އައި ބަދަލާއެކު، ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ ފެބްރުއަރީ މަހު ހަނގުރާމަ ފެށުމުގެ ކުރިން ހުރި އަގަށްވުރެ ދެގުނައަށްވުރެ ބޮޑަށް އުފުލިފައެވެ.

ފިލިޕީންސަށް ބޭނުންވާ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް 98 އިންސައްތަ އިމްޕޯޓްކުރަނީ ގަލްފްގެ ގައުމުތަކުންނެވެ. އެހެންކަމުން މި ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރާއި ހަނޑޫ ފަދަ ތަކެތީގެ އަގަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.

ހަނގުރާމަ ފެށުނީއްސުރެ، ސަރުކާރުން ދަނީ ދަތުރުފަތުރުގެ ހިދުމަތްދޭ ޑްރައިވަރުންނަށް ސަބްސިޑީ ދެމުންނެވެ. އަދި ތެޔޮ އިގްތިސާދު ކުރުމުގެ ގޮތުން ފެރީގެ ހިދުމަތްތައް މަދުކޮށް، ސިވިލް ސާވަންޓުން ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އަންގާރަ ދުވަހުގެ ކުރީކޮޅު އެނާޖީ ސެކްރެޓަރީ ޝެރަން ގަރިން ވިދާޅުވީ، އެ ގައުމުގައި މިހާރު ހުރީ ގާތްގަނޑަކަށް 45 ދުވަހަށް ފުދޭވަރުގެ ތެޔޮ ކަމަށެވެ.

ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ) ގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން، ހަކަތައިގެ ބޭނުންތައް ފުއްދުމަށްޓަކައި "ވަގުތީ ގޮތުން" ކޮލި ބޭނުންކޮށްގެން ހިންގާ އިންޖީނުގެތަކަށް ބަރޯސާވާ މިންވަރު އިތުރުކުރާނެ ކަމަށް ގަރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވިއެވެ.

ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ނުރައްކާ އެންމެ ބޮޑަށް އޮތީ އޭޝިއާގެ ގައުމުތަކަށެވެ. ނިމިދިޔަ އަހަރު އެ ކަނޑުގެ މަގުން އުފުލި ތެލާއި ގޭހުގެ ގާތްގަނޑަކަށް 90 އިންސައްތަ ފޮނުވާފައިވަނީ އޭޝިއާ ސަރަހައްދުގެ ގައުމުތަކަށެވެ.