ބޮޑުތަކުރުފާނުމަގު އެމްއެމްއޭ ސަރަހައްދު ބަނދަރުމަތީގައި އެމްޑީޕީން ހަރުކޮށްފައި ހުރި ކެމްޕެއިން ބެނާތަކެއް، އެމްޓީސީސީގެ ޔުނީފޯމުގައި ތިބި މުވައްޒަފުންތަކެއް ނިކުމެ އަންގާރަ ދުވަހު ނަގައިފި އެވެ.
މިކަން ހިނގާފައިވަނީ އެމްޑީޕީގެ ފަރާތުން ސިލްސިލާކޮށް ބާއްވަމުންދާ ޕިކަޕް ޖަލްސާތަކުގެ ތެރެއިން، އެ ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް އެ ޕާޓީގެ މެންބަރުން ދިޔަ ވަގުތުގަ އެވެ.
އެމްޑީޕީގެ ބައިވެރިން އެ ސަރަހައްދަށް ދިޔައިރު، އެމްޓީސީސީގެ އާދައިގެ މުވައްޒަފުންތަކެއް ދިޔައީ ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން ހަރުކޮށްފައިވާ ބެނާތައް ނައްޓަމުންނެވެ. މި މަސައްކަތް އެ މުވައްޒަފުން ކުރަމުންދިޔައިރު، އެމްޓީސީސީގެ ސީނިއަރ ސުޕަވައިޒަރަކު އެތަނުގައި ހުރެ މުވައްޒަފުންނަށް އިރުޝާދު ދެމުންދިޔަ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެ އެވެ.
މިކަމާ ގުޅިގެން އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އިސް ފަރާތްތަކުން އެމްޓީސީސީގެ ސުޕަވައިޒަރާ ސުވާލުކުރުމުން އޭނާ ބުނީ، އެތަނުގައި ހުރި ބެނާ ކަނޑާލެވުނީ އޮޅުމަކުން ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ބެނާތައް ވެސް ހުރިއިރު، އޮޅުމަކުން ހަމައެކަނި އިދިކޮޅު ޕާޓީގެ ބެނާތައް ނެގުމުން އެމްޑީޕީގެ އިސް ފަރާތްތަކުން ވަނީ އެކަމާ މެދު ސުވާލު އުފައްދާފަ އެވެ.
މީގެ ކުރިން ވެސް ސަރުކާރުން ވަނީ އެޗްޑީސީގެ މުވައްޒަފުން މެދުވެރިކޮށް ހުޅުމާލޭގައި ހަރުކޮށްފައި ހުރި އެމްޑީޕީގެ ކެމްޕެއިން ބެނާތަކާއި ޕޯސްޓަރުތަކަށް ގެއްލުންދީފަ އެވެ. މިފަދަ އަމަލުތައް ތަކުރާރުވަމުންދާތީ އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތައް ކާމިޔާބު ކުރުމަށްޓަކައި، މިއިން ޒަމާނަކު ރާއްޖޭގެ ސަރުކާރަކުން ބޭނުންނުކުރާހާ ބާރާއި ނުފޫޒު މި ސަރުކާރުން ބޭނުންކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިނަށް ހުރަސްއެޅުމުގެ ގިނަ އަމަލުތަކެއް ސަރުކާރުން ކެނޑިނޭޅި ކުރަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.