ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ތައްޔާރުވަމުން އަންނައިރު، މިއީ ސިޔާސީ ވަކި މަޤްޞަދެއް މި ވަގުތަށް ހާސިލްކުރުމަށް އިންތިޤާލީ ހާލަތެއް ނެތި އިންތިޤާލީ ކަމެއް ކުރުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ގެނައުމަށް އިސް ދައުރެއް އަދާކުރެއްވި އިބްރާ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މި އިސްލާހުގެ މައިގަނޑު ސަބަބެއް ކަމަށް ބުނެވެނީ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވުން ކަމަށެވެ.

އިބްރާ ވިދާޅުވީ މި ބަދަލު ގެނެސްފިނަމަ އެ ދެ އިންތިހާބު އަބަދުވެސް އެއް ދުވަހެއްގައި ބާއްވޭނެ ގޮތެއް ނުވާނެ ކަމަށެވެ. ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ 5 އަހަރު ކަމަށް ވިޔަސް ބައެއް ހާލަތުގައި ހަ އަހަރަށް ދިގުދެމިގެންދާނޭ ގޮތަށް ގާނޫނުއަސާސީގައި ލިޔެފައި އޮތުމެވެ.

އެ ހާލަތުގައި ރައީސާއި މަޖިލީސް މެންބަރުން އެއް ދުވަހަކު ބާއްވާ އިންތިހާބަކުން 5 އަހަރަށް އިންތިހާބު ކޮށްފައި އޮއްވައި މަޖިލީހުގެ މުއްދަތު ހަ އަހަރަށް ދިގުދެމިގެން ދިޔައީމާ ރިޔާސީ އިންތިހާބު ފަސް އަހަރު ފަހުން ބޭއްވުން ލާޒިމުވާއިރު މަޖިލީހުގެ އިންތިހާބު ބާއްވޭނީ 6 އަހަރު ފަހުން ކަމަށް އިބްރާ ވިދާޅުވި އެވެ. އެއަށްފަހު ދެން އަނެއްކާވެސް އެ ދެ އިންތިހާބު އަބަދުވެސް އޮންނާނީ އެއް އަހަރުގެ ތަފާތަކާއެކު ކަމަށް އިބްރާ ފާހަގަކުރެއްވި އެވެ.

ގާނޫނުއަސާސީ އެކުލަވައިފައި އޮތް ގޮތާއި މަޤްޞަދުތައް ރަނގަޅަށް ނޭނގިތިބެ ނުވަތަ ނުބަލައި ނުވަތަ އެނގިތިބެ ނުބައި ނިޔަތުގައި އިރުއިރުކޮޅާ އެކި ގޮތްގޮތަށް ތަންތަންކޮޅު ބަދަލުކުރާނަމަ ބޮޑެތި މައްސަލަތައް ދިމާވާނެ ކަމަށް އިބްރާ ވިދާޅުވި އެވެ.

ހެޔޮ ގޮތަކީ އެ އޮތް ގޮތަށް ބާއްވައިގެން އެ ހިނގޭތޯ ބެލުން ކަމަށާއި މިހާރު މި ކުރެވެނީ ސިޔާސީ ވަކި މަޤްޞަދެއް މި ވަގުތަށް ހާސިލްކުރުމަށް އިންތިޤާލީ ހާލަތެއް ނެތި އިންތިޤާލީ ކަމެއް ކުރުން ކަމަށް އިބްރާ ވިދާޅުވި އެވެ. ގާނޫނުއަސާސީ އެކަމަކަށް ތަނެއް ނުދޭ ކަމަށް އިބްރާ ވިދާޅުވި އެވެ.

ވަރަށް ފުންކޮށް ވިސްނުމަށްފަހު މި އިސްލާހަށް ވޯޓު ނުދޭން ނިންމައިފި ކަމަށް އިބްރާ ވިދާޅުވި އެވެ. ގާނޫނުއަސާސީގެ ޑްރާފްޓް އެކުލެވި ކޮމިޓީގެ 283 ޖަލްސާގެ ތެރެއިން 282 ޖަލްސާގެ ރިއާސަތު ބެލެހެއްޓި މީހާގެ ހައިސިއްޔަތުން މި އިސްލާހަށް ނޫނެކޭ ބުނުމަށް ދިވެހި އެންމެހައި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށް އިބްރާ ވިދާޅުވި އެވެ.

މި ބަދަލު މި އޮތް ގޮތަށް ގެނެސްފިނަމަ ގާނޫނުއަސާސީއިން ކަށަވަރުކުރި ހައްޤުތައް ގެއްލި ހުދުމުހުތާރު ވެރިކަމަކަށް އަނެއްކާ ވެސް ފުރޮޅުމުގެ މަގު ހުޅުވޭނޭ ކަމުގެ ބިރު އެބައޮތް ކަމަށް އިބްރާ ވިދާޅުވި އެވެ.