ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ގޮސްފައިވާތީ، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްވަރަކަށް ވާތީ، ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދީފަ އެވެ.

ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން އަންގާރަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ އެވްރެޖުކޮށް 35.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގަ އެވެ. އަދި އާންމު ހޫނުމިން އެވްރެޖުކޮށް 31.2 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި ހުރި އިރު، އެންމެ ހޫނުގަދަކޮށް ރެކޯޑު ކުރެވިފައިވަނީ މާލެ ސަރަހައްދަށެވެ. މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން 36.8 ޑިގްރީ ސެލްސިއަސް ގައި ހުރި އިރު، ލ. ކައްދޫގައި މި މިންގަނޑު ހުރީ 36.5 ޑިގްރީ ސެލްސިއަސްގަ އެވެ.

ހޫނުގަދަވުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް ހަނދާންކޮށްދީފަ އެވެ. އެގޮތުން ދުވާލުގެ ވަގުތުތަކުގައި، ހާއްސަކޮށް އެންމެ އަވިގަދަވާ ގަޑިތަކުގައި ބޭރަށް ނުނިކުތުމަށާއި، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފަ އެވެ. މީގެ އިތުރުން، ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ކުލަ މަޑު، ގަޔަށް ފަސޭހަ ހެދުން ބޭނުންކުރުމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެ އެވެ.

ހޫނުގެ ސަބަބުން ސިއްހީ ނުރައްކަލެއް ކުރިމަތިވަމުންދާކަމުގެ އަލާމާތްތަކަށް ސަމާލުވުމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ. އެގޮތުން ބޯ އަނބުރާ ގޮތްވުން، މާ ގަދައަށް ބޮލުގައި ރިއްސުން ނުވަތަ ހަށިގަނޑު ވަރުދެރަވާހެން ހީވާ ނަމަ، ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ މޫސުމަށް ބަލާއިރު، އިރުވައި މޫސުމުގެ އެންމެ އަވިގަދަ ދުވަސްވަރާ ދިމާކޮށް ހޫނުމިން މައްޗަށް ދާން ފަށާފައިވަނީ މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފެށިގެންނެވެ. އާންމު ގޮތެއްގައި ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް ހޫނުގަދަވާ އިރު، މީގެ ތެރެއިން ވެސް އެންމެ ހޫނުގަދަ މަހަކީ އެޕްރީލް މަހެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މިހާތަނަށް އެންމެ މަތީ ހޫނުމިނެއް އިހުސާސް ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ 1 ވަނަ ދުވަހު މާލެ އަށެވެ. އެ ދުވަހު މާލޭގައި ހޫނުމިން އިހުސާސް ކުރެވޭ މިންވަރު ވަނީ 48 ޑިގްރީ ސެލްސިއަސް އަށް އަރާފަ އެވެ.