އައު ކައުންސިލް ހުވާކުރާ ހިސާބުން އަތޮޅު ކައުންސިލްތައް އުވުނަސް، އެ އޮފީސްތައް މާލޭގައި ހުންނަ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ދަށުން ހިންގާނެ ކަމަށާއި، ހަމައެކަނި ތަފާތަކީ ކައުންސިލް މެންބަރުން ނެތުން ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ އައު ކައުންސިލު ހުވާކުރާ ހިސާބުން ފެށިގެން މިހާރު އޮތް ކައުންސިލު އަދި އަތޮޅު ކައުންސިލު އިދާރާތައް އުވިގެންދާނެ ކަމަށެވެ. އެހެންނަމަވެސް، އެ ތަންތަނުގައި އެލް.ޖީ.އޭގެ ފަރާތުން އެލް.ޖީ.އޭގެ އޮފީހެއް ޤާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި އޮފީސް ޤާއިމުކުރެވިގެން ދިޔުމާ އެކީގައި މިހާރު ވެސް އަތޮޅު ކައުންސިލުން އާއްމުންނަށް ދޭ ޚިދުމަތްތައް ވެސް ދެއްވަމުންދާނެ ކަމަށެވެ. 

އަދި އޭގެއިތުރުން ސަރުކާރުން ޤާއިމުކޮށްފައި ހުރި އެކި ޚިދުމަތްތައް ވެސް، މިސާލަކަށް އައިޑީ ކާޑު ހެދުން ފަދަ، މިކަހަލަ މަސައްކަތްތަކަށް ބޭނުންވާ ޚިދުމަތްތައް ވެސް ބަރާބަރަށް ކުރިއަށްދާނެ. އަދި އެއާއެކީގައި މުވައްޒަފުންނަށް ވެސް، ވަޒީފާގެ އެއްވެސް ގޮންޖެހުމެއް ނެތި މަސައްކަތްކުރެވޭނެ މާޙައުލެއް އެ ތަންތަން ޤާއިމުކުރެވިގެންދާނެ. ދެން ތި ވިދާޅުވާ ފަދައިން، އެ ތަންތަން އުފެދިގެން، އަތޮޅު ކައުންސިލް އުވިގެންދާއިރުގައި ކިހިނެއްތޯ އެތަންތަނުގައި ހުރި ވަސީލަތްތަކަށް ވެގެންދާނީ. އެ ވަސީލަތްތަކަކީ މިހާރުވެސް އަތޮޅު ކައުންސިލަށް ނިސްބަތްވާ ތަކެތި ކަމަށް ވީމާ، އެތަންތަނުގައި ހުންނަ އެއްޗެއްސަކީ ހަމަ އަތޮޅަށް ނިސްބަތްވާ ގޮތަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެލް.ޖީ.އޭއިން އުފައްދާ އޮފީހުގައި، އެ ތަކެތީގެ ރައްކާތެރިކަން، މިލްކުވެރިކަން ހަމަ އަތޮޅުގައި ރައްޔިތުންނަށް އޮންނަގޮތަށް އަޅުގަނޑުމެންނަށް އެކަންކަން ތަރުތީބުކުރެވިގެންދާނެ ގޮތަކަށް ކަންތައްތައް ތަރުތީބުކުރަން.
ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރ އާދަމް ޝަރީފް އުމަރު 

މިނިސްޓަރ ވިދާޅުވީ މި ބަދަލާ އެކީގައި މިހާރު މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން  ލިބޭ ފައިސާ ވެސް އެލްޖީއޭ އިން އުފައްދާ އަތޮޅަށް ނިސްބަތްވާ އިދާރީ ބަޔަށް އެ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެހެންވީމާ، އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާއި އަދި އަތޮޅަށް އޭގެ ސަބަބުން ލިބޭނެ އެއްވެސް އުނިކަމެއް ނާންނާނެ ކަމަށާއި، މިހާރެކޭ އެއްގޮތަށް އެ ކަންތައްތައް ކުރިއަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އަތޮޅު ކައުންސިލުތައް އުވާލުމާ ގުޅިގެން އިތުރުވާ، ބްލޮކް ގްރާންޓަށް އިތުރުވާ ފައިސާ ސަރުކާރުން ނިންމާފައިވަނީ އެހެން ކައުންސިލުތަކަށް، ޚާއްޞަކޮށް ޑަބްލިއު.ޑީ.ސީ ތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ގޮތަކަށް އެ ފައިސާ ބެހޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.