ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ފޯރު ކޮށްދިނުމަށް ނިމުނު 2025 ވަނަ އަހަރު 10 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓުދިނުމަށް ދުވާލަކު 7،965 ފީފާގެ ތެޔޮ ބޭނުންވާ ކަމަށެވެ. އަދި ރިސޯޓުތަކުން ވެސް މިހާ ވަރު ހޭދަކުރާނެ ކަމަށާ، އެއީ އަހަރަކަށް ބަލާނަމަ 2.9 މިލިއަން ފީފާގެ ތެޔޮ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ފާއިތުވި 2025 ވަނަ އަހަރު އެކަނި ވެސް ކަރަންޓު ފޯރު ކޮށްދިނުމަށް ބޭނުންވާ ތެޔޮ ރާއްޖެއަށް އެތެރެކުރަން ދައުލަތުގެ ބަޖެޓުން 10 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. 

މިދިޔަ އަހަރު އެކަނި ބަލާލި ކަމުގައި ވިޔަސް ތެޔޮ އެތެރެ ކުރުމަށްޓަކައި ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ޚަރަދު ކޮށްފަވޭ. މި 10 ބިލިއަން ރުފިޔާ އަކީ ހަމަ ރާއްޖެއިން ބޭރުވާ ފައިސާ. ތެޔޮ އެތެރެ ކުރުމަށް ޖީޑީޕީ ގެ 10 ޕަސެންޓް އަޅުގަނޑުމެން ޚަރަދު ކުރަން ޖެހުނު. 
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް 

މިނިސްޓަރު ވިދާޅުވީ މި ގައުމަކީ ތެލަށް ބަރޯސާވެފައިވާ ގައުމެއްގެ ގޮތުގައި އޮތް އޮތުން ބަދަލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ. އެގޮތުން ރާއްޖެއިން ލިބެން ހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުން ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެކަމަށް އިންވެސްޓް ކޮށް، މަޝްރޫއުތައް ހިންގާ، ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް މިހާރުވެސް ދަނީ މަސައްކަތް ކުރެވެމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ފްލޯޓިން ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިއީ ވަރަށް ބޮޑު މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި މަސައްކަތް ކުރަމުންދަނީ ބަހާލެވިގެން ކަމަށާއި އެއްވެސް މައްސަލައެއް ދިމާނުވާ ނަމަ، 2 އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ. 

އިއާދަކުރަނިވި ހަކަތަ މުޅިން ބޭނުންކޮށްގެން ރާއްޖޭގައި ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ އަދި ނެތް ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ވީ އެންމެ ބޮޑަކަށް ކުޑަކޮށް، ފްލޯޓިން ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަޝްރޫއު ފަދަ މަޝްރޫއުތައް މެދުވެރިކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރަން ކަމަށް މިނިސްޓަރު ތަކުރާރު ކޮށް ވިދާޅުވި އެވެ.