ޤާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗެއް ނޫން ކަމަށާއި،
ކުރިއަށް އޮތް ރެފަރެންޑަމް ވޯޓުގައި ވެސް އަދި ސަރުކާރަށް ވެސް ބޮޑުތަނުން ނޫނެކޭ
ބުނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު އަސްލަމް
ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ ރާއްޖެޓީވީގެ ނޫނެކޭ ކެމްޕޭން
ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އަސްލަމް ވަނީ ޤާނޫނުއަސާސީއަކީ
ކުޅޭކުޅޭ އެއްޗެއް ނޫންކަން ފާހަގަ ކުރައްވައި، މި ސަރުކާރުން ބޭނުންވާހާ ހިނދަކު
ޤާނޫނުއަސާސީ ބޭނުންގޮތަކަށް ބަދަލު ކުރެވިގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރަށް ވެސް ނޫނެކޭ ބުނަން ޖެހިއްޖެ އިނގޭތޯ، މި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަންވެއްޖެ، އެއީ މި ސަރުކާރު ވެސް އޮތީ ފެއިލްވެފައި. ޤާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗެއް ނޫން
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު އަސްލަމް

އަސްލަމް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ
ޑރ މުޙައްމަދު މުއިއްޒުގެ އަތްމައްޗަށް ދައުލަތުގެ ހުރިހާ ބާރެއް މިއަދު
އެއްކުރަމުންދާ ކަމަށާއި، އެކަމަށް ވެސް ރައްޔިތުން ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.
އެގޮތުން ޤާނޫނު ހެދުމުގެ ބާރާއި ވެރިކަން ކުރުމުގެ ބާރު ވެސް މިއަދު މުޅިން
މަސްހުނި ވެފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތުގައި ވެސް
އުޅުއްވި ބޭފުޅެއް ކަމަށްވާ އަސްލަމް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީ އަކީ ރާއްޖޭގައި ކަންކަން ކުރަން ޖެހޭ އެންމެ އަސާސީ މިންގަނޑު ކަމަށެވެ.
އަދި އެ ޤާނޫނުއަސާސީ ބަލައިގަނެ ކުރިއަށް ދާން ވާނީ ވަކި ތަރުތީބަކުން ކަމަށާއި، ޤާނޫނުއަސާސީގައި
ބާރުތައް ތަރުތީބުކުރެވިފައިވާ ގޮތަށް ޖުމުލަ ބަދަލެއް ގެންނަ ކަމަށް ވާނަމަ
ޤާނޫނުއަސާސީ ނުވަތަ މުޅި ނިޒާމް ބަދަލުކުރަން ޖެހޭ ކަމަށްވެސް އަސްލަމް ވަނީ
ވިދާޅުވެފަ އެވެ.