މި ސަރުކާރު ވެރިކަމަށް އައި ފަހުން، ފ. ފީއަލީ އިން ފެނަކަ އަށް ނަގާފައި ވަނީ އެންމެ 10 މުވައްޒަފުން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ހެއްދެވީ ބޮޑު ދޮގެއްކަން ހާމަވެއްޖެ އެވެ.

ފީއަލީގައި ފެނަކަ އިން ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައި ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގަ އެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ، ފީއަލީގެ ފެނަކައިގައި މިހާރު ތިބީ 60 މުވައްޒަފުން ކަމަށެވެ. އޭގެ ތެރެއިން މި ސަރުކާރުން ނެގީ 10 މުވައްޒަފުން ކަމަށާއި، އަނެއް 50 މުވައްޒަފުން އެއީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ނަގާފައިވާ މުވައްޒަފުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެކަމަކު މިއީ ރައީސް މުޢިއްޒު ހެއްދެވި ވަރަށް ބޮޑު ދޮގެކެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ފީއަލީން މިހާތަނަށް ވަނީ އެތައް ބަޔަކަށް ވަޒީފާ ދީފަ އެވެ. އޭގެ ތެރޭގައި ފެނަކައިގެ އިތުރުން، އެމްޓީސީސީ ފެރީ އާއި، އެމްޓީސީސީ ސައިޓުގެ އިތުރުން، އައިސް ޕްލާންޓު ވެސް ހިމެނެ އެވެ. އަދި ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ވެސް ދަނީ އެތައް ބަޔަކަށް އަދި ވެސް ވަޒީފާތައް ދެމުންނެވެ.

2023 ވަނަ އަހަރު ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، ފީއަލީ ފެނަކައިގައި ތިބީ 26 މުވައްޒަފުންނެވެ. އޭގެ ފަހުން ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ފީއަލީ ފެނަކަ އަށް 34 މުވައްޒަފުން މިހާތަނަށް ނަގައިފަ އެވެ. މީގެ އިތުރުން އިތުރު ފަސް މީހަކަށް ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެ މީހުންނަށް ވަޒީފާ ހަމަޖެއްސުމާ އެކު، މި ސަރުކާރުން ފެނައިކައިން ވަޒީފާ ދިން މީހުންގެ އަދަދު 39 އަށް އަރާނެ އެވެ. 

އެމްޑީޕީގެ ވެރި ކަމުގައި ފީއަލީ ފެނަކަ އަށް 50 މީހުން ވަޒީފާ އަށް ނެގި ކަމަށް ވިދާޅުވެ، ރައީސް ހެއްދެވީ ވެސް އިތުރުފުޅެކެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުގެ ފަސް އަހަރު ދުވަހުގެ ވެރިކަން ނިމުނުއިރު، ފީއަލީ ފެނަކަ އަށް ނަގާފައި ވަނީ 18 މުވައްޒަފުންނެވެ. އަނެއް އަށް މުވައްޒަފުންނަކީ، ފެނަކަ އެންމެ ފުރަތަމަ ފީއަލީގައި ހުޅުވިއިރު ވަޒީފާ އަށް ނެގި އަށް މުވައްޒަފުންނެވެ. 

ފެނަކައިގެ އިތުރުން އެހެން ކުންފުނި ތަކުން ވެސް ގެންދަނީ މުވައްޒަފުން ނަގަމުންނެވެ. އެގޮތުން ފީއަލީ އައިސް ޕްލާންޓަށް ވެސް ވަނީ ފަސް މުވައްޒަފުން ނަގައިފަ އެވެ. މީގެ އިތުރުން އެމްޓީސީސީ ސައިޓަށް ވެސް ވަނީ ފަސް މުވައްޒަފުން ނަގައިފަ އެވެ. އަދި ހަމަ އެހެންމެ ފީއަލީ އެމްޓީސީސީ ފެރީ އަށް ވެސް މި ސަރުކާރުން ވަނީ، ނުވަ މުވައްޒަފުން ނަގައިފަ އެވެ. 

އެހެންކަމުން، މި ސަރުކާރަށް ދެ އަހަރުވީއިރު، މިހާތަނަށް ފީއަލީން ވަނީ 53 މީހަކަށް ވަޒީފާ ދީފަ އެވެ. ވަޒީފާ ދިން ތަން ތަނުގެ ތެރެއިން އެމްޓީސީސީގެ ސައިޓަކީ އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނޫނެވެ. ފީއަލީ ބިން ހިއްކުމުގެ މަޝްރޫއު ވެސް، މި ސަރުކާރު އައި ފަހުން ހުއްޓުނު ގޮތަށް އޮތީ އެވެ. 

މި މަޢުލޫމާތު ތަކަކީ ނަން ނުޖެހުމަށް ޝަރުތު ކުރުމަށް ފަހު ފެނަކައިގެ އިސް ބޭފުޅަކު ހިއްސާ ކޮށްފައިވާ މައުލޫމާތެވެ.