ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އެންމެ މުހިއްމު އެއް ބާރު ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރަން ޖެހޭ ހާލަތުގައި އެކަން ކުރުމުގެ ބާރު އަތުލެވިގެންދާ ކަމަށާއި، އެ ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ ރައްޔިތުންގެ އަތުގައި އެ ބާރު ބޭއްވުމަށް ކަމަށް ކުރީގެ އޭސީޕީ މުހައްމަދު ޖިނާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ނޫނެކޭ" ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖިނާހު ވިދާޅުވީ ގާނޫނު އަސާސީ އެކުލެވި، ލިޔެވިފައިވާ ގޮތަށް ބަލާއިރު ދެ އިންތިޚާބު އެއް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.  މި ސަރުކާރުން ދެ އިންތިޚާބު އެއްކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ކުރުމަށް ގާނޫނު އަސާސީ އިން ތަން ނުދޭއިރު އެކަމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ. 

އެގޮތުން ގާނޫނު އަސާސީގެ 16 ވަނަ މާއްދާއިން އެ ޖާގަ ނުދޭ ކަމަށް ޖިނާހު ވިދާޅުވި އެވެ. ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ. 

ސަރުކާރުން ދެ އިންތިޚާބު އެއްކޮށްފިނަމަ އެ ހިފެހެއްޓެނީ ރައްޔިތުންގެ މަޖިލީހާ، ވެރިކަމާ ގުޅިފައިވާ ރައްޔިތުންގެ ހައްގުތައް ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ. ސަބަބަކީ ނަގަން އުޅޭ ރެފަރެންޑަމް ވޯޓުން އުވާލަނީ، ނުވަތަ ނިގުޅައިގަންނަނީ ރައްޔިތުންގެ މަޖިލީހުގެ ބާރާއި، ރައްޔިތުންގެ ޙައްޤުތައް ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މަޖިލިސް ކުރެއް ނުކުރެވޭ. މަޖިލިސް އުވާލަނީ. މަޖިލިސް އުވާލާއިރު ޖެހޭނެ ސަރުކާރު ވެސް އުވެން. އެއީ އަސްލު މަޖިލިސް އުވޭ ގޮތަކީ. މަޖިލީހަކީ އެކަނި އުވޭ އެއްޗެއް ނޫން. އެފަދަ ހާލަތަކަށް ކަންތައްތައް މި ގެންދެވެނީ ފެންނަ ނުފެންނަ ވޯޓެއްގެ ޒަރިއްޔާއިން. މި ވޯޓުން މި ކުރާ ކަމަކީ މަޖިލިސް އުވާލަނީ. އެއީ ގާނޫނު އަސާސީގެ ފަސް ވަނަ މާއްދާގެ ދަށުން. 
ކުރީގެ އޭސީޕީ މުހައްމަދު ޖިނާހު 

ގާނޫނު އަސާސީގެ 5 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ ދިވެހިރާއްޖޭގައި ގާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އަދި ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. 

ޖިނާހު ވިދާޅުވީ އެހެން ކަމުން ރެފަރެންޑަމް ވޯޓަކުން މަޖިލިސް އުވާލައި ރައްޔިތުންގެ އަތުން މި ބާރުތައް އަތު ނުލެވޭނެ ކަމަށެވެ. އަދި އެކަން ކޮށްފި ނަމަ މަޖިލީހަށް ލިބިގެންވާ އެންމެ ބޮޑު އެއްބާރު ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރަން ޖެހޭ ހާލަތުގައި އެކަން ކުރުމުގެ ބާރުވެސް އަތުލާ ކަމަށެވެ. 

ބާރުތައް ފެށެނީ ރައްޔިތުން އިންތިޚާބު ކުރާ ވެރިކަމަކުން. ވެރިކަން ދެމި މި އޮންނަނީ ރައްޔިތުން ބޭނުންވަންޏާ.  އެއީ އިމްޕީޗް ކޮށްފަ ވެސް އެބަ ގެއަށް ފޮނުވާލެވޭ. އެހެންވީމަ ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގަ. ދެމި އޮންނަ އޮތުމުގެ ބާރު ނައްތާލެވޭ އެބަ.
ކުރީގެ އޭސީޕީ މުހައްމަދު ޖިނާހު 

އެހެން ކަމުން ހައްތަހާ ވެސް މިއީ ރެފަރެންޑަމް އަށް ނޫނެކޭ ބުނަން ޖެހޭ ސަބަބުތައް ކަމަށް ޖިނާހު ވިދާޅުވި އެވެ.