އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ނަގާ ކައުންސިލް
އިންތިޚާބާ ގުޅޭ ވޯޓާއި ޑަބްލިއުޑީސީ އަދި ރެފަރެންޑަމް ވޯޓަށް ސަރުކާރުން ނުފޫޒު
ފޯރުވަމުންދާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
ގެ ސަމާލުކަމަށް އެކަން ގެނެސްފި އެވެ.

އެމްޑީޕީން ވަނީ ރެފަރެންޑަމް ވޯޓާއި ކައުންސިލް
އިންތިޚާބާ ގުޅޭގޮތުން މަސައްކަތް ކުރުމަށް އެ ޕާޓީގެ ތެރެއިން ކޮމިޓީތައް
އެކުލަވާލާފަ އެވެ. އެގޮތުން އެ ކޮމިޓީތަކުގެ ފަރާތުން ފާއިތުވި ދުވަސްތަކުގައި
ވަނީ ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ބައްދަލުކޮށް ކަންބޮޑުވުންތައް
ހިއްސާކޮށްފަ އެވެ.
އަންގާރަ ދުވަހު އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަނާވެސް
ބައްދަލުކޮށްފައިވާއިރު، މި ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު ރާއްޖެޓީވީއަށް
ދެއްވި ބަސްދީގަތުމެއްގައި ހުޅުމާލޭ ދާއިރާގެ ކުރީގެ
މެންބަރު އަލީ ނިޔާޒު ވިދާޅުވީ، އިންތިޚާބާ ބެހޭ ޤާނޫނުގެ ބޭރުން މި ވޯޓުތަކަށް
ނާޖާއިޒު ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ ފަރާތުން އަންނަ ނުފޫޒުން
އެއްކިބާވުމަށްޓަކައި މުއައްސަސާތަކުން ކުރަމުންދަނީ ކޮން މަސައްކަތެއްތޯ މި
ބައްދަލުވުންތަކުގައި ސާފު ކުރަމުންދާކަންވެސް ނިޔާޒު ފާހަގަ ކުރެއްވި އެވެ.
ނިޔާޒު ވިދާޅުވީ، ކައުންސިލުގެ ފަހު އަހަރު ބިންތައް
ބެހުމާއި ބޮޑެތި މަޝްރޫއުތައް ހިންގުން ހުއްޓުވުމަށް މި ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް އިސްލާޙު
ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެ އިސްލާހުގައިވާ ގޮތުން، ކައުންސިލްތަކުގެ ފަހު
އަހަރު ކައުންސިލްގެ އިދާރާތަކަށް މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގައި
ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ ހުއްދަ ހޯދަން ޖެހެ އެވެ.
އެ އިސްލާހުގެ ދަށުން އެލްޖީއޭ އިން ހެދި އުސޫލުގައި
ވަނީ އެ ހުއްދަތައް ހޯދަން ކައުންސިލްތަކުން އެ އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީއަށް
ހުށަހަޅަން ޖެހޭނެ ލިޔެކިޔުންތަކާއި ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތްތައް
ތަފުސީލުކޮށް ބަޔާންކޮށްފަ އެވެ.
ނިޔާޒު ވިދާޅުވި ގޮތުގައި އެއީ މި ސަރުކާރުން ހެޔޮ ނިޔަތުގައި
ގެނައި އިސްލާޙެއް ނޫނެވެ.
އެއީ މި ސަރުކާރުން ހެޔޮ ނިޔަތުގައި ގެނައި އިސްލާޙެއް ނޫން، ސަބަބަކީ ސަރުކާރުން މިއަދުވެސް ޕްރޮޖެކްޓުތައް ދެނީ، މިއަދުވެސް މުވައްޒަފުން ނަގަނީ.ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު
ނިޔާޒު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ
އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވަމުންދާކަންވެސް އެމްޑީޕީން އޭސީސީގެ ސަމާލުކަމަށް
ގެނެސްފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ، އެކަންކަން ބަލަމުންދާކަމަށް އޭސީސީން
ބުނެފައިވާކަމަށެވެ.

އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަނާ ބައްދަލުކުރުން
ނިޔާޒް ވިދާޅުވި ގޮތުގައި ސަރުކާރުން އެކަންކަން
އެއްވެސް ހައްދެއްނެތި ކުރަމުންދަނީ ސަރުކާރަށް ފާރަވެރިވާނެ ބަޔަކު މިއަދު
ނެތްކަން ޔަޤީންވާތީއެވެ.
ވަޒީފާތައް ބެހުން ފަދަ ކަންކަން ހައްދެއް ނެތި އެ ކުރަނީ، އަޅުގަނޑުމެންނަށް ޤަބޫލު ކުރެވެނީ އެގޮތަށް އެ ކަން އެ ކުރަނީ އެބޭފުޅުންނަށް ފާރަލާނެ ބަޔަކު ނެތްކަން ސަރުކާރަށް ޔަޤީންވާތީއޭ.ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު
މީގެ އިތުރުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ
ނަމުގައި ނަގަން މަސައްކަތް ކުރާ ވޯޓާ ގުޅޭ ފުރިހަމަ މައުލޫމާތު ވެސް
ރައްޔިތުންނަށް ނުލިބޭކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ. އަދި ދެ އިންތިހާބު
އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ 2028 ވަނަ އަހަރުގެ ރިޔާސީ
އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބަލިވާނެކަން އިނގޭތީ، އެ
އިންތިހާބަށް ނުފޫޒު ފޯރުވައިގެން ކާމިޔާބުކުރުމަށް ކަމަށް އެމްޑީޕީން ގެންދަނީ
ބުނަމުންނެވެ.