ތަކެތީގެ އަގު ބޮޑުވުމަކީ ސަރުކާރުން ބޭނުންވާ
ގޮތެއް ނޫން ކަމަށާއި، ނަމަވެސް ދުނިޔޭގައި ހިނގާ ކަންކަމާ ގުޅިގެން ތަކެތީގެ އަގު
ބޮޑުވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު
ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި
ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، މި ސަރުކާރަށް އަމާޒުކޮށް އެންމެ ބޮޑަށް ދެއްކި
އެއް ވާހަކައަކީ ރާއްޖެ ބަނގުރޫޓުވާނެ ވާހަކަ ކަމަށާއި، އެއީ ސަރުކާރާ އިދިކޮޅު
ފަރާތްތަކުން އަބަދުވެސް ދައްކަމުން އައި ވާހަކައެއް ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި ރާއްޖެ ބަނގުރޫޓު ނުވެ
ހިފަހައްޓާލެވިފައިވަނީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ކެތްތެރިކަމާއި، ކުރައްވާ
މަސައްކަތުގެ ސަބަބުންނެވެ.

ސަރުކާރަށް އަމާޒުކޮށް އެންމެ ބޮޑަށް ދެއްކި ވާހަކަ އެއީ މިހާރު ވެސް ދައްކާ ވާހަކައެއް، މާދަމާ ރާއްޖެ ބަނގުރޫޓުވާނެ ވާހަކަ އަނެއް ދުވަހުން ބަނގުރޫޓުވާނެ ވާހަކަ، އަނެއް ދުވަހު ފައިސާ ހުސްވާނެ ވާހަކަ. އެކަމަކު އިރާދަކުރެއްވިއްޔާ ނުވެއެއްނޫންތޯ އެހެނެއް.
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު

ސައީދު އިތުރަށް ވިދާޅުވީ، މި ހަނގުރާމައިގެ އަސަރު
ކުޑަކުރުމަށް ރާއްޖެއިން ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި
ވިދާޅުވީ، ތަކެތީގެ އަގު ބޮޑުވުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމަށާއި،
ނަމަވެސް ދުނިޔޭގައި ހިނގާ ކަންކަމާ ގުޅިގެން ތަކެތީގެ އަގު ބޮޑުވުމަކީވެސް
އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން އެއީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ހުންނަ
ކަންކަމެއް ނޫންކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ސައީދު އެހެން ވިދާޅުވެފައިވާއިރު، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ތެލާއި ކާބޯތަކެއްޗަށް ދަތިކަމެއް ނެތްކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ހަނގުރާމަ ފެށުނު ފަހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލާއި ކާބޯތަކެތީގެ ދަތިކަމެއްވެސް ނާންނާނެކަމަށެވެ. 

އެހެންނަމަވެސް އޭގެ ފަހުން ތެލާއި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާތީ ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔާފައިވެއެވެ.