މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން
އިޤްތިސާދީ ގޮތުން ކުރިމަތިވެދާނެ ޙާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން
އިތުރު ޤައުމުތަކާއެކު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތް
ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި
ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުން
އިތުރު މާކެޓުތައް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ޗައިނާއާއެކު ވެފައިވާ
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންވެސް އެކި އެހީތައް ލިބޭނެ ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި ވިޔަފާރިއާ ގުޅުންހުރި
ކަންކަމުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ ރަނގަޅު ގުޅުމެކެވެ. އެގޮތުން
ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ
ކުރެވެމުންދާކަން ސައީދު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ޗައިނާއިން ހުރިހާ ބާވަތެއްގެ
މުދާވެސް ލިބޭނެކަމަށް ސައީދު ވިދާޅުވިއެވެ.
ޗައިނާއެއްކޮށް އޮތީ ވަރުގަދަ ގުޅުމެއް. ހާއްސަކޮށް ކޮމާޝިއަލް ސެކްޓަރުގައި ވަރަށް ބޮޑު އަންޑަސްޓޭންޑިންއެއް އޮވޭ. ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ އަޅުގަނޑުމެންނާ ވަރަށް ގާތްކޮށް ވާހަކަދެކެވެމުން ދަނީ. މުދާ ލިބުމުގައި އިންތިޒާމެއް ހަމަޖައްސަންވެއްޖިއްޔާ ލިބޭނެ. އެއީ ވަކި ކަހަލަ މުދަލެއް ނޫން. ހުރިހާ ބާވަތެއްގެ މުދާ ވެސް.އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު
މީގެ އިތުރުން، މެލޭޝިޔާ އިންޑޮނޭޝިއާ ތައިލެންޑް
އަދި ކެމްބޯޑިއާ ހިސާބުގައިވެސް ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ސަރުކާރުން
މަސައްކަތް ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެކަމަށްޓަކައި
ޚާރިޖީ ވުޒާރާ މެދުވެރިކޮށް ކުރަންޖެހޭ މަޝްވަރާތައް ކުރަމުންދާކަމަށެވެ.
ހަމައެއާއެކު، އެފްރިކާގެ ބައެއް
ޤައުމުތަކާއެކުވެސް ވިޔަފާރީގެ މަޝްވަރާތައް ކުރުމަށް މަސައްކަތްތައް ކުރަމުންދާކަން
ސައީދު ފާހަގަ ކުރެއްވިއެވެ.