ގުޅުން ބަދަހި ކުރުމަށް ރާއްޖެ ވަޑައިގެންނެވި އެމެރިކާގެ މަންދޫބު ސާޖިއޯ ގޯ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުއާ ބައްދަލު ނުކުރައްވައި ރާއްޖެ އިން ފުރާވަޑައިގެންފި އެވެ.

ސާޖިއޯ ގޯ އަކީ އެމެރިކާގެ އިން ދެކުނު އޭޝިއާ އަދި މެދު ތެރޭގެ އޭޝިއާ އަށް ކަނޑަ އަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބެވެ. ސަރަހައްދީ ޤައުމު ތަކަށް ކުރައްވާ ދަތުރުފުޅުގައި ސާޖިއޯ ގޯ ވަޑަައިގަންނަވަން އޮތީ ސްރީ ލަންކާ އާއި، ރާއްޖެ އަށެވެ. ލަންކާ އަށް ފަހު ސާޖިއޯ ރާއްޖެ ވަޑައިގެންފައިވާއިރު، މިހާރު ވަނީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ވަޑައިގެންފަ އެވެ.

ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ، ސާޖިއޯއާ ބައްދަލު ކުރައްވަން ހަމަޖެހިފައި އޮތް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ބައްދަލުވުމުގެ އެޕޮއިންޓުމަންޓަކަށް ސާޖިއޯ އެދިވަޑައިގެންފައިވާ ކަމަށާއި، ބައެއް ވަޒީރުންނާ ވެސް ސާޖިއޯ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ސާޖިއޯއާ ބައްދަލު ކުރެއްވި ނަމަވެސް، އީރާންގެ ހަނގުރާމައާ ގުޅޭ ގޮތުން ދައްކަވާނެ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އީރާން ހަނގުރާމަ އާއި، އެހެން އެއްވެސް ހަނގުރާމައެއް ކުރުމަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ. 

ނަމަވެސް، ސާޖިއޯ ރާއްޖެ އިން ފުރައި ވަޑައިގެންނެވީ ރައީސް މުޢިއްޒުއާ ބައްދަލު ނުކުރައްވަ އެވެ. އިތުބާރުހުރި މަސްދަރަކުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ރައީސް މުޢިއްޒުއާ އެކު އޮތް ބައްދަލުވުން ކެންސަލް ކުރެއްވީ ސާޖިއޯ ކަމަށެވެ. ރައީސް މުޢިއްޒުގެ ބައްދަލުވުން ކެންސަލް ކުރެއްވުމުގެ ކުރިން ސާޖިއޯ ވަނީ، ފޮރިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް އާއި، ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫންއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. 

ރައީސް މުޢިއްޒުގެ ބައްދަލުވުން ކެންސަލް ކުރައްވާ ސާޖިއޯ ފުރައި ވަޑައިގެންނެވިއިރު، ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ އިޒްރޭލް އަށް ބަހުގެ ހަމަލާ ތަކެއް ދެއްވައިފަ އެވެ. އެގޮތުން އީރާން އިން ހަމަލާ ދޭ ނަމަ، ސީދާ އިޒްރޭލް އަށް ހަމަލާ ދިނުމަށް އެދޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެއީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށާއި، ރެޔާއި ދުވާލު އިޒްރޭލް އަށް ހަމަލާ ދިނުމަށް ރައީސް މުޢިއްޒު ގޮވާލައްވާފައިވެ އެވެ. 

އެމެރިކާ އާއި އިޒްރޭލް އަކީ ގާތް ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށްވާއިރު، މިހާރު އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަނީ ވެސް އެމެރިކާ އާއި އިޒްރޭލް އެކުވެގެންނެވެ.