އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި ވޯޓު ކަރުދާހުގައި އޮންނަ ސުވާލު އޮޅުވާލާފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ވޯޓު ކަރުދާހުގައި އޮންނަ ސުވާލު ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު ޝާތިރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން ކުރިޔަށްގެންދާ ސިލްސިލާ ޕިކެޓް ޖަލްސާތަކުގެ ތެރެއިން ހޯމަ ދުވަހު ބޭއްވި ޕިކެޓް ޖަލްސާގައި ވާހަކަދައްކަވަމުން ޝާތިރު ވިދާޅުވީ، އެޕްރީލް މަހުގެ 4 ވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓު ކަރުދާހުގައި ވާ އެއްޗެއް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންނަށް ސާފުކޮށް ނުދޭކަމުގަ އެވެ.

ވޯޓު ކަރުދާހުގައި ވާ ސުވާލު އިބާރާތް ކުރުމުގައި ވެސް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވަމުން ޝާތިރު ވަނީ އެކަން ތަފްސީލުކޮށް ދެއްވާފަ އެވެ.

އެޕްރީލް 4 ވަނަ ދުވަހު މި ލިބޭ ވޮޓު ކަރުދާހުގައި ބުނަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ފުރަތަމަ ކަމަކަށް އިދާރީ ކަމެއްގެ ވާހަކަ މި ބުނަނީ ، ދެ އިންތިހާބެއް އެއްކޮށް ބާއްވާ ވާހަކަ. ދެން މި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާން ކުރުމަށްޓަކާ ގާނޫނުއސާސީ އަށް ގެނައި 8 ވަނަ އިސްލާހު ތަސްދީގު ކުރަން ފެނޭ ހެއްޔޭ. މި އުސޫލަކީ ކޮބައިގެން ކާކަށްތޯ ތީގެ ތެރެއިން އެނގެނީ. ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ގެނެސްފަ އޮތް ބަދަލަކީ.. ގާނޫނުއަސާސީ އަށް ގެނެސްފަވާ 8 ވަނަ ބަދަލަކީ ކޮބައިކަން އެނގޭ ރައްޔިތަކު މިތާ އެބަ އިންތޯ... ނީންނާނެ...  އެބުނާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ގެނައީ ކޮން ބަދަލެއްކަން އެނގޭ ރައްޔިތަކު މިރާއްޖޭގަ ނެތި ރައްޔިތުންގެ އަތަސް ކަރުދާސްކޮޅެއް ދީފަ އެބުނަނީ ކަލޭމެންނަށް ފެންނަ ނުފެންނަ ގޮތަކަށް ވޯޓު ދޭށޭ. އަޅުގަނޑުމެން މި ބުނަނީ ވޯޓުކަރުދާހުގަ އެބުނާ ގާނޫނަށް ގެނައި އިސްލާހު އިލެކްޝަންސް ކޮމިޝަނާއި ސާރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭނެ ޖެހޭ ވާހަކަ. 
އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން

ވޯޓު ކަރުދާހުގައި ވާ ސުވާލު މިހާރު އިބާރާތްކޮށްފައިވާ ގޮތަށް ނަގާ ވޯޓަކީ ގާނޫނާ ހިލާފު ވޯޓެއްކަމަށް ވެސް ޝާތިރު ވިދާޅުވި އެވެ.

އެހެންކަމުން ހީލަތްތެރިކަމާއެކު ރައީސް މުއިއްޒުގެ ސަރުކާރުން މިގަނާ ފެންނަ ނުފެންނަ ވޯޓުގައި ދިވެހި ރައްޔިތުން ރައީސް މުއިއްޒަށް ނޫނެކޭ ބުނުމަށް ޝާތިރު ވަނީ ގޮވާލާފަ އެވެ.