ދެ އިންތިޚާބު އެއްކޮށްލުމުން މަޖިލީހަށް ހޮވޭ މެމްބަރުން ވާނީ ރައީސް ވިދާޅުވާހާ ގޮތަކަށް އަމަލުކުރާ ޕްރޮކްސީ މެމްބަރުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތުގައި ވެސް އުޅުއްވި ބޭފުޅެއް ކަމަށްވާ އަސްލަމް ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ. 

މީގެ އިތުރުން މިހާރު ގެންނަ ބަދަލަކީ ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ބަދަލު އަންނަ ކަމަކަށް ވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދައުރުގެ ދިގު މިނާއި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅެއްގެ ދައުރުގެ އުމުރާއި ގުޅޭ ގޮތުން ގޮތެއް ނިންމޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހައިގެން ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ. 

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އަކީ ރާއްޖޭގައި ކަންކަން ކުރަން ޖެހޭ އެންމެ އަސާސީ މިންގަނޑު ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ. އެ ޤާނޫނުއަސާސީ ބަލައިގަނެ ކުރިއަށް ދާން ވާނީ ވަކި ތަރުތީބަކުން ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ. އަދި ޤާނޫނުއަސާސީގައި ބާރުތައް ތަރުތީބުކުރެވިފައިވާ ގޮތަށް ޖުމުލަ ބަދަލެއް ގެންނަ ކަމަށް ވާނަމަ ޤާނޫނުއަސާސީ ނުވަތަ މުޅި ނިޒާމް ބަދަލުކުރަން ޖެހޭ ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

"މިދާ ގޮތަށް ދާއިރު އަޅުގަނޑަށް ހީވަނީ ބަރުލަމާނީ ނިޒާމް ވެސް މާ ރަނގަޅު ހެން. ބަރުލަމާނީ ނިޒާމަކަށް އެއްކޮށް ބަދަލުކޮށްލަން ވީނުންތޯ މިވަރަށް މަސްހުނިކުރަންޏާ؟" އަސްލަމް ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ބަރުލަމާނީ ނިޒާމުގެ ސިފަ އެއް ކަމަށާއި އެއީ ނިޒާމް ވަރަށް ބޮޑަށް މަސްހުނިވުން ކަމަށް އަސްލަމް ވިދާޅުވި އެވެ. އަސްލަމް ވަނީ ޤާނޫނުއަސާސީ އެކުލަވާލައި، ތިން ބާރު އެކުލެވޭ ނިޒާމެއް އެކުލަވާލުމުގެ ފައިދާ ކިހާވަރަކަށް އާއްމުންނަށް މިއަދު ލިބޭތޯ ސުވާލު އުފައްދަވާފަ އެވެ. ތިން ބާރު ވަކިކުރަން ނުކުމެ ކުރި މަސައްކަތުގެ ނަތީޖާ އަކީ ކޮބައިތޯ މިއަދު ސުވާލުކޮށްލަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.