ގަލޮޅު މޯޗަރީ ކައިރި ހުރި ގ. ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ޒުވާނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ 2026 މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަބުނަމްހައުސް / ލ.މާބައިދޫ، ޙުސައިން ޝަޙްބާން (29އ) ވަނީ ކޯޓު އަމުރެއްގެ ދަށުން 2026 މާރިޗު 22 ވަނަ ދުވަހުގެ ރޭ ހައްޔަރު ކޮށްފަ އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފަ އެވެ.
ބަންދު އަމުރުގައިވާ ގޮތުން ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި، ޤަރީނާ ހުށަހަޅާފައިވެ އެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި، ފުލުހުން ހުށަހަޅާފައިވާ ޓައިމްލައިންއާއި ފޮޓޯ ރިޕޯޓާއި އިތުރު ލިޔެކިޔުންތައް ހުށަހެޅިފައިވެ އެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ މި ހާދިސާ ހިނގުމުގެ ކުރިން މީނާ އެގެއަށް ވަދެ ނިކުމެގެން ދާތަނުން ހާދިސާ ހިނގި ގޭގައި އަލިފާން ރޯވެފައިވާކަމަށް އައ.ިއޯ ބުނެފައިވެ އެވެ. އަދި އެކަމަށް ބާރުދޭ ހެއްކާއި، ޤަރީނާގެ ގޮތުގައި ޓައިމްލައިނާއި، ފޮޓޯ ރިޕޯޓު ހުށަހެޅިފައިވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.