ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ތިން މަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރި ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު، ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން ހޯމަ ދުވަހު އެނބުރި މަސައްކަތަށް ނިކުމެވަޑައިގެންފި އެވެ.

ކައުންސިލްގެ ރައީސްކަމުގެ މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވުމަށް އޭނާ އޮފީހަށް ނިކުމެވަޑައިގަތުމުން، ކައުންސިލްގެ މުވައްޒަފުން ވަނީ އޭނާ އަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ވަހީދު މަގާމުން ސަސްޕެންޑް ކުރީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. އެލްޖީއޭ އިން އޭރު ބުނެފައިވަނީ އޭނާ ސަސްޕެންޑް ކުރަން ނިންމީ ހޯރަފުށީ ކައުންސިލުން ލާމަރުކަޒީ ގާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުގެ އިތުރުން މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާކަން އެ އޮތޯރިޓީ އަށް ފާހަގަކުރެވިގެން ކަމަށެވެ. ނަމަވެސް މި ސަސްޕެންޝަނަކީ ނުހައްގުން ދީފައިވާ އަދަބެއް ކަމަށް ކައުންސިލުން ވަނީ ސިފަކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ހޯރަފުށީ ކައުންސިލްގެ އިތުރު މުވައްޒަފުންނަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިޝާރާތެއް އެލްޖީއޭ އިން މީގެ ކުރިން ދީފައިވެ އެވެ. އެގޮތުން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އާއި އިދާރީ އެހެން މުވައްޒަފެއްގެ އިހުމާލު މިކަމުގައި ހިމެނޭނަމަ، އެ މުވައްޒަފުންގެ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް އެލްޖީއޭ އިން ބުނެފައިވެ އެވެ. އެހެންނަމަވެސް، ވަހީދުގެ ސަސްޕެންޝަންގެ މުއްދަތު ހަމަވެ އޭނާ އޮފީހަށް ނިކުތްއިރުވެސް، މި މައްސަލައާ ގުޅިގެން އެރަށު ކައުންސިލްގެ އެއްވެސް މުވައްޒަފެއްގެ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ހުށަހަޅާފައިވާކަން އެނގޭކަށް ނެތެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ހިމެނޭ ގޮތަށް އެ ކައުންސިލްގެ ހުރިހާ މެންބަރުންނަކީ ވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ. އެހެންކަމުން، ކައުންސިލްގެ ރައީސަށް ފިޔަވަޅު އެޅުމަކީ ސިޔާސީ ނުފޫޒުން ކޮށްފައިވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ވަހީދު އެނބުރި މަސައްކަތަށް ނިކުމެވަޑައިގަތުމުން ކައުންސިލްގެ އިދާރާގައި ބޭއްވި މަރުހަބާ ދެންނެވުމުގެ ހަރަކާތުގައި ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވެ، އޭނާއަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އޮތްކަން ވަނީ ހާމަކޮށްފަ އެވެ.