ރައްޔިތުން ގަބޫލުކުރާ ގޮތުގައި ފެންނަ ނުފެންނަ އިންތިހާބަކީ ވެރިކަން ކުރާ ޕީއެންސީ އިން ދާއިމަށް ވެރިކަމުގައި ތިބުމަށް ރާވައިގެން ހީލަތްތެރިކަމާއެކު ކުރާ ކަމެއް ކަމަށް ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން ރަށްރަށަށް ކުރަމުންދާ ކެމްޕޭނުގެ ތެރެއިން ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން ދޮންބިލެތް ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހިމާޔަތްކުރުމަށާއި ރަށްރަށުގެ ތަރައްޤީ ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތހާބާއި ފެންނަ ނުފެންނަ އިންތިހާބު ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. އަދި ފެންނަ ނުފެންނަ އިންތިހާބަކީ ވެރިކަންކުރާ ޕީއެންސީ އިން ދާއިމަށް ވެރިކަމުގައި ތިބެން ވަރަށް ރޭވިގެން ކުރާ ކަމެއްކަން ރައްޔިތުން ގަބޫލުކުރާކަމަށް ދޮންބިލެތް ވިދާޅުވި އެވެ. 

ދޮންބިލެތް ވިދާޅުވީ ރާއްޖޭގެ ރަށްރަށުން ފެންނަނީ މި އިންތިހާބަށް ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވެފައިވާ މަންޒަރު ކަމަށާއި ފެންނަ ނުފެންނަ އިންތިހާބުގައި ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނާނެ ކަމަށެވެ. 

އެ ބޭފުޅުން ދެކެނީ މީހަމަ ދާއިމަށް ޕީއެންސީން ވެރިކަމުގައި ތިބެން މުޢިއްޒު ވެރިކަމުގައި ހުންނަން ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކުރާ ކަމެއްގެ ގޮތުގައި. އަޅުގަނޑުމެން މިވާހަކަ ދައްކަން ވެސް ނުޖެހޭވަރަށް އެބޭފުޅުންނަށް މައުލޫމާތު ސާފު. އަޅުގަނޑު ގަބޫލުކުރާގޮތުގައި މި އިންތިހާބު ބޮޑުތަނުން ނޫނެކޭ ރައްޔިތުން ބުނާނެ. 
އަޙުމަދު ޙަލީމް (ދޮންބިލެތް)

މީގެ އިތުރުން ދޮންބިލެތް ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނަންޖެހޭ ސަބަބުތައް ވަރަށް ގިނަ ކަމަށާއި އޭގެތެރެއިން އެންމެ އާދައިގެ ސަބަބުތަކުގެ ތެރޭގައި ރައްޔިތުން ފާހަގަކުރަނީ ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓުގެ އެއްވެސް މައުލޫމާތެއް އެއްވެސް މިންވަރަކަށް ރައްޔިތުންނަށް ނުދީ ނަގަން އުޅޭ ވޯޓަކަށް ވުން ކަމަށެވެ. އަދި މި އިންތިހާބަކީ ރައްޔިތުން އެއްވެސް ވަރަކަށް ގަބޫލުވެސް ކުރާ އިންތިހާބެއް ނޫން ކަމަށް ދޮންބިލެތް ވިދާޅުވި އެވެ.  

މި ދަތުރުފުޅަކީ ކުރިއަށް އޮތް އިންތިޚާބުތަކަށް އެމްޑީޕީއަށް ވޯޓު ހޯދުމަށާއި، ޚާއްޞަކޮށް ލާމަރުކަޒީ ނިޒާމާއި، ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރާ ދަތުރެއްކަން ދޮންބިލެތް ފާހަގަކުރެއްވި އެވެ.