ރެފަރެންޑަމްއާ ގުޅޭ ޤަރާރު ބާތިލުކަމަށް
ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން
ގަސްތުގައި ލަސްކުރަމުންދާކަން ފާހަގަ ކުރެވޭކަމަށް ޤާނޫނީ ވަކީލް އަދި އިދިކޮޅު
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މައުރޫފް
ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި 4 އެޕްރީލްގައި އާއްމު ވޯޓު
ނެގުމަށް ނިންމައި ނެރުނު ރިޔާސީ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދި
އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފޯމު 4 ވަނަ ފަހަރަށް
އިސްލާހުކޮށް، 11 މާރޗުގައި ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އަދި ކޯޓަށް އެ ފޯމު
ލިބިފައިވާކަމަށް ހޯމަ ދުވަހު އަންގާފައިވާކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އެހެންނަމަވެސް، އެ މައްސަލަ ރަޖިސްޓަރީ ކޮށްދޭނެ ދުވަހެއް އަދި އެނގިވަޑައިނުގަންނަވާކަން
ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ކޯޓުގެ އާންމު އުސޫލާ ހިލާފަށް މި
މައްސަލައިގައި ކޯޓުން އަމަލުކުރަމުންދަނީ ގަސްތުގައި މައްސަލަ ލަސްކުރުމުގެ
ބޭނުމުގައިކަން ފާހަގަކުރެވޭ ކަމަށެވެ.
އެމްޑީޕީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ
މައްސަލައިގައި ބުނެފައި ވަނީ، 2026 ފެބްރުވަރީ 16 ވަނަ ދުވަހު ރައީސް ޑޮކްޓަރު
މުޙައްމަދު މުޢިއްޒު ނެރުއްވާފައިވާ ޤަަރާރުގައި ޤާނޫނު ނަންބަރު 2025/15
(ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ 10 ވަނަ
މާއްދާއިން ހިމެނުމަށް، ލާޒިމުކުރާ ފަދަ މައުލޫމާތު ކަރުދާހެއް ހިމަނައިފައި
ނުވާތީ، އެ ޤަރާރުގައި ޤާނޫނީ ހައިސިއްޔަތު ނެތް ސަބަބަށް ޓަކައި، އެ ޤަރާރު
ބާތިލުކަމަށް ކަނޑައެޅުމަށް ދައުވާ ކުރާ ކަމަށެވެ.
ދައުލަތުގެ އިދާރާ އަކުން އެޅި ފިޔަވަޅެއްގެ
ސަބަބުން ޙައްޤަކަށް އުނިކަން ލިބުނު އިދާރީ ފިޔަވަޅުގެ ތަފުސީލުގައި އެމްޑީޕީ
އިން ބުނެފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ
އިންތިހާބު އެކުގައި ބާއްވާގޮތަށް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނު
އަސާސީ އަށް ގެނައުމަށް ފާސްކޮށްފައިވާ އިސްލާހަށް ރައްޔިތުން ރުހޭތޯ ބެލުމަށް
ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓް ނަގާނީ، "ލޯކަލް
ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު
2026" ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފައިވާ 2026 އެޕްރީލް
4 ވާ ހޮނިހިރު ދުވަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުން ކަމަށެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ، އެ ނިންމެވުން
ނިންމެވިކަން އާޢްމުކޮށްފައިވާ ހުއްޖަތުތައް ބަޔާންކުރާ މައުލޫމާތު އެކުލެވިގެންވާ
"މައުލޫމާތު ކަރުދާސް" ހިމަނައިފައި ނެތް ކަމަށް ވެސް އެމްޑީޕީ އިން
ވަނީ ބުނެފަ އެވެ.