ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުން ކަމަށް ކަނޑައެޅުމަށްޓަކައި ދިރާސާ އެއް ކުރެވެމުން ދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ މައްސަލަ ހައްލު ކުރުމަށް ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އެ އިސްލާހު ހުށަހަޅުއްވާއިރު އިތުރު ކަންކަން ހިމެނުމަށް ވިސްނަވާ ކަމަށާއި އެގޮތުން އެކަމަށްޓަކައި ދިރާސާތަކެއް ވެސް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. 

ދިރާސާކުރަމުންދާ ދެ ކަމެއް އެބައޮތް. އެއް ކަމަކީ މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުން. މިހާރު ނޯންނާނެ ވަކި އަދަދެއް ކަނޑައަޅާފައި. އަދި ހަމަ އެފަދައިން ވަކި އިންސައްތައެއް އަންހެނުންނަށް ކަނޑައެޅުން. މިހާރު އެގޮތަކަށް ވެސް ނޯވެ،
ރައީސް ޑރ. މުހައްމަދު މުއިއްޒު 

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަނެއް އަމާޒަކީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން ވަކި މިންވަރެއް 30 އަހަރުން ދަށުގެ ޒުވާނުންނަށް ޚާއްސަ ކުރުން ކަމަށެވެ. އޭގެ އިތުރުން އަންހެނުންނަށް ޚާއްސަކޮށް މަޖިލީހުގެ ވަކި އިންސައްތައެއް ކަނޑައެޅުމަށްޓަކައި ވެސް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މިއީ މި ގައުމުގެ ނިންމުންތައް ނިންމާ އެންމެ މަތީ ފަންތީގައި އަންހެނުންނާއި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއް ކަމަށާއި  މިފަދަ ކަންކަމުގައި އަންހެނުންނާ ޒުވާނުން ބައިވެރިކޮށް، ދައުރު އިތުރު ކުރުމަކީ އެމަނިކުފާނު އަބަދުވެސް އިސްކަން ދެއްވާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ވަރަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 100 ފަހަނަހަޅައި ދިއުން އެކަށީގެންވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ރަނގަޅު ގޮތެއް ކަމަށް ރައްޔިތުން ގަބޫލުނުކުރާ ކަމަށާއި  މިހާރު އޮންނަނީ 5،000 ގެ ކޮންމެ އާބާދީއަކަށް މެންބަރަކު އިތުރުވާ ގޮތަށް ކަމަށެވެ.

އެހެންކަމުން ގާނޫނު އަސާސީ އަށް އިސްލާހު ގެންނަވަނީ މިކަން ހައްލު ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.