ރައްޔިތުންގެ
ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށްކަމަށް
ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
މި
މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް
އަދި އަލްއުސްތާޒު އައިކް އަހުމަދު އީސާއެވެ. މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ
މިހާރު މައްސަލަ ވަނީ ރަޖިސްޓްރީ ކޮށްދީފަ އެވެ.
އެހެންނަމަވެސް، ބިލު ތަސްދީގު ކުރުމުގެ މުއްދަތާ ގުޅޭގޮތުން
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅި މައްސަލަ ބަލައިގަތުމާމެދު
ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. ރިފަރެންޑަމް ވޯޓާ
ގުޅޭގޮތުން ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، މި ދެ މައްސަލައަކީ އެކުއެކީގައި
ހުށަހެޅުނު ދެ މައްސަލަ އެވެ.
ރިފަރެންޑަމްގެ ސުވާލާ
ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު، އައިކް ވިދާޅުވީ، ސުވާލުގެ
އިބާރާތް އޮތީ ޤާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާޙު ތަސްދީޤު ކުރަން ފެނޭތޯ
ނުވަތަ ނޫންތޯ ކަމަށާއި، އެ އިސްލާޙުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު
ނަގަން ޖެހޭ ކަންކަމާ ނުގުޅޭ ގިނަ ތަފްސީލުތަކެއްވެސް ހިމެނޭކަމަށެވެ. އަދި ވިދާޅުވީ،
ހަގީގަތުގައި ސުވާލު ކުރަންޖެހޭނީ މަޖިލީހުގެ ދައުރު ކުރުކުރަން ރައްޔިތުން
އެއްބަސްވޭތޯ ނުވަތަ ނޫންތޯ ކަމަށެވެ.
މި
ސުވާލު މިހާރު އޮތްގޮތުން ރައްޔިތުންނަށް ވޯޓު ލެވެނީ ކޮން ކަމަކަށްކަންވެސް އަދި
ނަތީޖާވެސް ސާފު ނުވާނެ ކަމަށާއި، އެކަމުގެ ސަބަބުން ޤައުމަށް ދިމާވެދާނެ
ގެއްލުންތައްވެސް ބޮޑުވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ޤާނޫނީ
ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައަށް ބަލާއިރު، އެ މައްސަލައިގައި ބުނެފައިވަނީ،
ޤާނޫނުއަސާސީއަށް ގެނެވޭ އިސްލާޙުތައް ތަސްދީޤު ކުރުމަށް ޤާނޫނުއަސާސީގެ 262 ވަނަ
މާއްދާގައި ކަނޑައެޅިފައިވާ މުއްދަތާ މި މައްސަލަ ޚިލާފުވެފައިވާ ކަމަށެވެ.
އެގޮތުން ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ތަސްދީޤު ކުރުމަށް ފެބްރުއަރީ 11 ގައި
ރައީސް އޮފީހަށް ވަނީ ފޮނުވާފަ އެވެ.
ޤާނޫނުއަސާސީގެ
262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ޤާނޫނުއަސާސީއަށް ގެންނަ
އިސްލާޙެއް ފާސް ކުރުމަށްފަހު ތަސްދީޤު ކުރުމަށް ލިބެނީ 15 ދުވަހުގެ މުއްދަތެކެވެ.
އަލީ ހުސައިން ވިދާޅުވި ގޮތުގައި ބަންދު ދުވަސްތައް ހިމަނައިގެން ގުނި ނަމަވެސް
މިހާރު އެ މުއްދަތު ވަނީ ފާއިތުވެފަ އެވެ.
އެހެންކަމުން
މިހާރު އެ ބިލަކީ ބާތިލު ބިލެއް ކަމަށާއި، ބާތިލު ބިލެއްގެ މައްޗަށް އަހަންޖެހޭ
ވޯޓެއްވެސް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ސުޕްރީމް ކޯޓަށް އޭނާ
ހުށަހަޅާފައިވާ މައްސަލައިގައިވެސް އެދިފައިވަނީ އެގޮތަށެވެ.