ރެފަރެންޑަމް ވޯޓުގެ ނިންމުން ރައީސް ޑރ މުޙައްމަދު މުއިއްޒު ބޭނުންވާ ގޮތަށް އަންނަ ހިސާބުން ފެނާއި ކަރަންޓު އަދި ތެލުގެ އަގު ބޮޑުކުރާނެކަމަށް ގެމަނަފުށީ ދާއިރާގެ
ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން
އިލްހާމް ވިދާޅުވީ، ޙައްޤުތައް ނިގުޅައިގަނެވިގެންދާނަމަ ހަމަޖެހުމެއް ނޯންނާނެ ކަމަށާއި،
ރައްޔިތުންނަށް ލިބިފައިވާ ޙައްޤުތައް ދޫކޮށްލަން އެ ރައްޔިތުން ވެސް ނުރުހޭނެ
ކަމަށެވެ. އަދި އެކަމަށް ނުރުހޭކަން ދެއްކުމުގެ ގޮތުން ރެފަރެންޑަމް ވޯޓުގައި ނޫނެކޭ
ބުނަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ވޯޓުގެ
ކަންކަން ދާ ހިސާބުން ފެނާއި ކަރަންޓު އަދި ތެލުގެ އަގު ބޮޑުކުރާނެ ކަމަށާއި،
އެހިސާބުން ރައްޔިތުންނެއް މުހިއްމެއް ނުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން އެމީހުންގެ ބާރުވެރިކަން އަތުން ދޫކޮށްލަންވީހޭ ނުވަތަ ނޫންހޭ ރައްޔިތެއްގެ ގޮތުން އެންމެ ފުރަތަމަ އުފައްދަންޖެހޭ ސުވާލަކީ، ބާރު ދޫ ނުކުރަން ބޭނުންވާނަމަ މިއަށް ނޫނެކޭ ބުނަންވީ. މި އިންތިޚާބު ނިމޭތަނުން މުއިއްޒަށް އާނއެކޭ ބުނެ މޮޅުވެއްޖެއްޔާ ފެނާއި ކަރަންޓު ބިލު ބޮޑުކުރާނެ، އަދި ތެލުގެ އަގު ބޮޑުކުރާނެ، މަސްވެރިންވެސް ވިސްނަންޖެހޭ މިކަމާ.
ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު

އިލްހާމް ވިދާޅުވީ، ގޮތް ނިންމުމުގެ ބާރު އޮތީ
ރައްޔިތުންގެ އަތުގައި ކަމަށާއި، ސިޔާސީ ކަންކަމުގައި ޖެހި އަމިއްލަ އަތުގައި އޮތް
ބާރު ދޫކޮށްނުލުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ރައްޔިތުން ބާރު ދޫކޮށްލާ
ހިސާބުން އެތައް ގެއްލުންތަކެއްވެފައިވާކަން ރާއްޖޭގެ ތާރީޚުންވެސް އެނގި ހާމަވާން
އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.