ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި މި ސަރުކާރުން ދަނީ ވަޒީފާތައް މެދުވެރިކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުން ކަމަށާއި، އެކަން ބަލައި، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އެމްޑީޕީ އިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގައި އެދިއްޖެ އެވެ. 

ހޯމަ ދުވަހު އެމްޑީޕީ އިން ވަނީ ކުރިއަށް އޮތް އިންތިޚާބާ ގުޅިގެން އެ ޕާޓީގެ ކަންބޮޑުވުންތައް އެޗްއާރްސީއެމް އާ ހިއްސާ ކޮށްފައެވެ. އެ ކަންބޮޑުވުންތައް ހިއްސާ ކޮށް، އެ ކޮމިޝަނާ ބައްދަލު ކުރެއްވުމަށްފަހު ރާއްޖެޓީވީ އާ ވާހަކަދައްކަވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން ވިދާޅުވީ މި ސަރުކާރުން ދަނީ ވޯޓަށް ނުފޫޒު ފޯރުވުމަށް ވަޒީފާތައް ވެސް ބަހަމުން ކަމަށެވެ. 

އެކަމުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް ގެއްލޭއިރު، ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ވަަޒީފާ ގެ ބިރުދައްކާ، އިންޒާރު ވެސް ދެމުންދާ ކަމަށެވެ. 

ރެފަރެންޑަމް ކޮމިޓީގެ ފަރާތުން އަޅުގަނޑުމެން ހިއުމަން ރައިޓްސް ކޮމިޝަނާ މި ބައްދަލު ކުރީ ރެފަރެންޑަމް ވޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް. އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެންނަށް މިކަމުގަ ހުރި ބޮޑެތި ކަންބޮޑުވުންތައް ހިފައިގެން މި ރާއްޖޭގެ ވަރަށް ގިނަ މުއައްސަސާތަކަށް އަޅުގަނޑުމެންނަށް ދެވިއްޖެ އޭ.  މިއަށް އިޖާބަ ދޭނެ އެއްވެސް މުއައްސަސާ އެއް މި ރާއްޖޭގައި ނެތޭ. މި ރާއްޖޭގައި ހުރި މިކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާތައް އެތިބީ ރައީސް މުއިއްޒު އެންގެވި ގޮތަކަށް މިކަން ކުރުމަށް އަތުކުރި އޮޅާލައި، ގާނޫނު އެކަހެރި ކޮށްފަ އެކަން ކުރާ ގޮތަށްށޭ، 
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން

ޝާތިރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުން ދަނީ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ވަޒީފާ އިން ވަކި ކުރާނެ ކަމަށް ބުނެ އިންޒާރު ދީ ބިރު ދައްކައި، ޖެއްސުން ވެސް ކުރަމުން ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން ދިރިއުޅޭ ރަށް ނޫން އެހެން ރަށްރަށަށް ވެސް ބަދަލު ކޮށް އުނދަގޫ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި ދެން ފާހަގަ ކޮށްފައިވާނީ ގިނަ ބަޔަކަށް ވޯޓު ނުލެވޭތީ އެކަން ކަމަށް ވެސް ޝާތިރު ވިދާޅުވި އެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ވޯޓު ފޮށިތައް ނުބައްހައްޓަން ނިންމާފައިވާއިރު ޚާއްސަ ކޮށް އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާ ފަދަ ގައުމުތަކަކީ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ގައުމުތަކެއް ކަމަށެވެ. 

އޭގެ އިތުރުން ސިނާއީ ރަށްތަކާ ރިސޯޓު ތަކުގައި ވެސް ވޯޓު ފޮށި ނުބަހައްޓާއިރު، އެ ގެއްލެނީ ވެސް އެތައް ބައެއްގެ ހައްގު ކަން އެމްޑީޕީ އިން ފާހަގަ ކޮށްފައިވާނެ ކަމަށް ޝާތިރު ވިދާޅުވި އެވެ. 

ޝާތިރު ވިދާޅުވީ އެއްވެސް މުއައްސަސާއަކުން މި ކަންބޮޑުވުންތައް އަޑު އަހާފައިނުވާއިރު އެމްޑީޕީ އިން އެޗްއާރްސީއެމްގައި އެދުނީ މިކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް ކަމަށެވެ.