މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ބިލެއް
ބަންޑާރަނައިބުގެ އޮފީހުން މިހާރު ތައްޔާރުކުރަމުންދާ ކަމަށާއި، އެ ބިލު ތަސްދީޤު
ކުރާ ހިސާބުން މަރުގެ ޙުކުމް ތަންފީޒުކުރަން ފައްޓަވާނެކަމަށް ރައީސް ޑރ
މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް
ވިދާޅުވީ، މަރުގެ ޙުކުމް އިއްވަންޖެހޭ ފަރާތަކަށް އެ ޙުކުމް ތަންފީޒު ނުކޮށް މަޑުކުރުމަކީ
ރައީސަކަށް ހުންނަ ފަރާތަކަށް ލިބިގެންވާ ހައްޤެއް ނޫން ކަމަށާއި، ހުރިހާ
މަރުޙަލާއިން ޙުކުމް ނިހާއީވެފައިވާ މީހުން އެބަތިބި ކަމަށެވެ. އަދި ވިދާޅުވީ، ޑްރަގް
މައްސަލަތަކުގައި ވެސް މަރުގެ އަދަބު ދެވޭގޮތަށް ދާދި ފަހުން ޤާނޫނަށް ބަދަލު
ގެނެސްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، މަރުގެ ޙުކުމް ތަންފީޒުކުރުން
ޤާނޫނީ ގޮތުން ކަށަވަރު ކުރަން ޖެހޭ ކަމަށާއި، މިއަދާ ހަމައަށް އައިއިރުވެސް
މިކަމާ ގުޅޭ އެއްވެސް ޤާނޫނެއް ނެތް ކަމަށެވެ.

އެހެންވީމާ މަރުގެ އަދަބު ދިނުމަށްޓަކައި މަރުގެ ޙުކުމް ތަންފީޒުކުރަން އެބަޖެހޭ ޤާނޫނީ ފްރޭމްވޯކްގެ ތެރޭގައި ސްޓްރީމްލައިން ކުރަން، ނޫނީ ކަށަވަރު ކުރަން، މިއަދާ ހަމައަށް އައި އިރު އެއްވެސް ކަހަލަ ޤާނޫނެއް މިކަމަކަށް ނެތް.
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ވިދާޅުވީ، ހަމައެކަނި ހަދާލެވޭ އުސޫލަކުން
ނުވަތަ ޤަވާއިދަކުން މަރުގެ ޙުކުމް ތަންފީޒެއް ނުކުރެވޭނެ ކަމަށާއި، އެހެންވެ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ޚާއްޞަ ޤާނޫނެއް ގެނައުމުގެ ބިލުގެ މަސައްކަތް
މިހާރު ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ، މަޖިލީހުގެ
މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި މި ބިލު މަޖިލީހަށް ފޮނުއްވަވާނެ ކަމަށާއި، ބިލު
ތަސްދީޤު ކުރެވުމުން މަރުގެ ޙުކުމް ތަންފީޒު ކުރާނެކަމަށް ވެސް ރައީސް
ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިއީ އިސްލާމީ
ޤައުމެއްގައި އަދުލު އިންސާފު ޤާއިމު ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ.

މަރުގެ ޙުކުމާ ގުޅޭ ޤާނޫނީ ފްރޭމްވޯކެއް ނެތްކަމަށް
ރައީސް ވިދާޅުވި ނަމަވެސް، ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ
ވެރިކަމުގައި މަރުގެ އަދަބު ތަންފީޒު ކުރުމާބެހޭ ގަވާއިދެއް 2015 ވަނަ އަހަރު
ހަދައި، ދަންޖައްސައިގެން ނުވަތަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދެވޭ
ގޮތަށް ކަނޑައެޅި އެވެ. އަދި ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ
އަދަބު ދޭން ނިންމި ނަމަވެސް އޭރު އެކަން ތަންފީޒްކޮށްފައެއް ނުވެއެވެ.

އޭރު ކ. ދޫނިދޫގައި އެކަމަށް ހާއްސަ ޗޭމްބަރެއް
ހަދައި، އެކަމަށް ސާމާނު ވެސް ގެނައެވެ.

މީގެ އިތުރުން، އޭރުގެ އިސްލާމިކް މިނިސްޓަރު އަދި
މި ސަރުކާރުގެ ވެސް އިސްލާމިކް މިނިސްޓަރަކަށް ހުންނެވާ މުޙައްމަދު ޝަހީމް އަލީ
ސައީދު ވެސް ވަނީ ރައީސް ޔާމީނުގެ ސަރުކާރު ނިމުނު އިރު ރާއްޖޭގައި މަރުގެ ހުކުމް
ތަންފީޒު ކުރުމުގެ އެންމެހައި ތައްޔަރީތަކާއި ޤަވާއިރުތައް ހަދާ ނިމިފައި ހުރިކަމަށް
ވިދާޅުވެ، އޭގެ އެންމެހައި އުސޫލެއް ކެބިނެޓުން ފާސް ވެސް ކޮށްފައިވާނެކަމަށް މީގެ
ކުރިން ވިދާޅުވެފައެވެ.

ކުރީގެ ސަރުކާރު ނިމުން އިރު ރާއްޖޭގައި މަރުގެ
ހުކުމް ތަންފީޒު ކުރުމުގެ އެންމެހައި ތައްޔަރީތަކާއި ޤަވާއިރުތައް ހަދާ ނިމިފައިހުރީ.
އޭގެ އެންމެހާ އުސޫލެއް ކެބިނެޓުން ފާސްވެސް ކުރި. ސަރުކާރު ވައްޓާލަން ބޭރުގެ
ބާރުތަކުން ބޭނުންވި އެއްސަބަބު އެއީ

ސުމުއްވުލް އަމީރު މުޙައްމަދު އަމީންގެ
ވެރިކަމަށް ފަހު ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކޮށްފައި ނުވެއެވެ.