އިންތިހާބު
ނިމުމުން ސަރުކާރުން ތެލުގެ އަގު އަދިވެސް ވަރަށް ބޮޑު ކުރާނެކަމަށް ވެލިދޫ
ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އެކްސްގައި
ހިއްސާކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ، އިންތިހާބުގެ ކުރިން އެކި ރަށްރަށުން
ވަޒީފާތަކަށް ނެރޭ މުވައްޒަފުން އިންތިހާބު ނިމުމުން ވަޒީފާއިން ވަކި ކުރާނެ
ކަމަށެވެ.
ހަމައެއާއެކު،
އިންތިހާބު ނިމުމުން ސަރުކާރުން ތެލުގެ އަގު އަދިވެސް ވަރަށް ބޮޑު ކުރާނެކަމަށް
އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް
ބޮޑުވެގެންދާނެކަމަށެވެ.
މީގެ
އިތުރުން، ސަރުކާރުން ނުކުރާނަމޭ ބުނާ ހުރިހާ ކަމެއް ކުރާނެކަން ރައްޔިތުންނަށް އެނގޭނެކަން
ފާހަގަ ކުރައްވައި އައްބާސް ވިދާޅުވީ، ވަގުތު ފާއިތު ނުވަނީސް ބުއްދި އިސްކޮށް
ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އޭނާ ރައްޔިތުންނަށް ނަސޭހަތްތެރިވާ
ކަމަށެވެ.
އައްބާސް
އިތުރަށް ވިދާޅުވީ، ކުރިއެކޭ އެއް އަގެއްގައި އާންމު ދަތުރުފަތުރާއި ޕަބްލިކް
ފެރީތަކަށް ތެޔޮ ފޯރުކޮށްދޭން އެސްޓީއޯއިން ނިންމާފައިވަނީ ހަމައެކަނި ކުރިއަށް
އޮތް ލޯކަލް ކައުންސިލު އިންތިޚާބު ނިމެންދެން ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް
ދޮގުހަދާ އޮޅުވާލާ ސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނަންޖެހޭކަމަށްވެސް
އޭނާ ވިދާޅުވިއެވެ.