ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އާންމު ރައްޔިތުންނަށް ފޯރަމުންދާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް ރައްޔިތުންގެ މަޖިލިސް ވަނީ ވާކޮށްލާފައި ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު ހާމަ ކުރުމަށް މަޖިލީހަށް ވަޒީރު ހާޒިރު ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެދިވަޑައިގެންފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ޓެގް ކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މީކާއިލް ވިދާޅުވީ ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އާންމު ރައްޔިތުންނަށް ފޯރަމުންދާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް ރައްޔިތުންގެ މަޖިލިސް ވަނީ ވާކޮށްފައި ކަމަށެވެ. އަދި ގަވާއިދުގެ ދަށުން ބާއްވަން ލާޒިމް ޖަލްސާތައް ވެސް ނުބާއްވާއިރު، ޕީއެންސީ އޮތީ ކެންޕޭނަށް ހުސްވެ ކަމަށެވެ. 

މީކާއިލް ވަނީ ވަޒީރުން ހާޒިރުކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ. 

އެ ޕޯސްޓާއެކު މެންބަރު ވަނީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މަޖިލީހަށް ހާޒިރު ކުރަން އެދި، ކުރައްވަން ހުށަހަޅުއްވާފައިވާ ސުވާލުތައް ވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން މެންބަރު ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ނުރައްކާތެރިކަން  ދިވެހިރާއްޖެ އަށް އޮތީ ކިހާ މިންވަރަކަށް ކަން ދެނެގަނެވިފައިވާ ނަމަ އެ ކަމަށް ތައްޔާރު ވުމުގެ ގޮތުން އަޅަނީ ކޮން ފިޔަވަޅުތަކެއްތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. 

އޭގެ އިތުރުން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ހުރަސްކޮށް ޑިއެގޯ ގާސިއާ އަށް ހަމަލާ ދީފައިވާއިރު އެކަން ދިވެހިރާއްޖޭގެ ދިފާއީ ބާރަށް އެނގިފައިވޭތޯ ސުވާލު ކުރެއްވުމާއި އެފަދަ ކަންކަމުން ދިމާވެދާނެ ނުރައްކަލަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާތަނަށް އެއްވެސް ކަމެއް ކޮށްފައިވޭތޯ މިނިސްޓަރާ ސުވާލު ކުރުމަށް ވެސް ހިމަނުއްވާފައި ވެ އެވެ. 

މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ގަވާއިދުގައި ލާޒިމު ކުރާ ދުވަސްތަކުގައި ވެސް ނުބާއްވާ، މެންބަރުންނަށް ވާނުވާ ވެސް އެންގުމެއް ނެތި ޖަލްސާތައް ކެންސަލް ކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މިކަމުގެ ކަންބޮޑުވުން އިދިކޮޅު މެންބަރުން ދަނީ ތަކުރާރު ކޮށް ފާޅުކުރައްވަމުންނެވެ.