އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވެ، ސުވާލަށް ޖަވާބެއް ނުދެއްވި އެވެ. 

"އަރަބި ގައުމުތަކުގެ ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް 'އަޅުގަނޑުމެން' އެކަން ކުރާނެ އިރާދަ ކުރެއްވިއްޔާ" މިފަދައިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގެ ތެރޭގަ އެވެ. ޕޯޑިއަމްގައި ހުންނަވައި ދެއްކެވި ވާހަކައާއި ގުޅިގެން، ރާއްޖެ ޓީވީ އިން ވަނީ ރައީސް އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލު އަމާޒުކޮށްފަ އެވެ. 

އެއީ ތެޔޮ އަގުބޮޑުވުމާއި، މި ސަރުކާރާއި އަރަބި އިސްލާމީ ގައުމުތަކާއި އޮންނަ ގުޅުން ވަރުގަދަ ކަމަށް ކުރާ ދައުވާތަކާއި ގުޅިގެން އެކަން މި ދަނޑިވަޅުގައި ކުރުން އެއީ އެންމެ ރަނގަޅު ވަގުތު ނޫންތޯ ސާފު ކުރުމަށެވެ. ނަމަވެސް މިނިސްޓަރ ޝަހީމް ވަނީ އެ ސުވާލަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވާފަ އެވެ. 

ނަމަވެސް އެ ސުވާލާއި ގުޅިގެން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވަނީ ކާށިދޫ ކަނޑުން ތެޔޮ ހޮޅި ނެރޭނެކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވި ވާހަކަ އުނިކުރައްވާ ގައުމުތަކާއި އޮންނަ ގުޅުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. މިނިސްޓަރ ޒަމީރު ވިދާޅުވީ މިނިސްޓަރ ޝަހީމާއި އެކު ވަރަށް ގިނަ މަސައްކަތްތަކެއް އަރަބި ގައުމުތަކާއެކު ގުޅުން ބަދަހި ކުރައްވަން ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި ޒަމާނުންސުރެ އެކުގައި މަސައްކަތްތަކެއް ކުރެވި، މިއަދު ތެލާ ހިސާބަށް ދިޔަ އިރުގައި އަދި މިހާތަނަށް ގެނައި ހުރިހާ ތެލެއް ވެސް ގެނައީ އަރަބި ގައުމަކުން ކަމަށެވެ. އެގޮތުން އެންމެ ކައިރީގައި އޮންނަ އޮމާނުން ތެޔޮ ގެންނަ ކަމަށެވެ.  

މީގެ އިތުރުން މިނިސްޓަރ ޝަހީމް ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި އިސްލާމީ ގައުމުތަކުގެ ރައްޔިތުން ކައިގެން ތިބިއްޔާ އަޅުގަނޑުމެން ތިބޭނީ ކައިގެން ކަމަށް ވެސް ވިދާޅުވެފަ އެވެ.

ނަމަވެސް މި ހަނގުރާމައާއި ގުޅިގެން މިހާތަނަށް ރައްޔިތުންނަށް ލުއި ދިނުމަށް އަރަބި އިސްލާމީ ގައުމުތަކާއެކު ކުރެވުނު އެއްވެސް މަސައްކަތެއް ސަރުކާރުން ހާމަކޮށްފައި ނުވެ އެވެ.