އެމެރިކާއާއި އިސްރާއިލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އެދުނީ ކޮން ގައުމެއް ކަމެއް ބުނަން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ ޑިއޭގޯ ގާސިއާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު ބޭނުން ކޮށްގެން އެމެރިކާއިން އީރާނަށް ދަނީ ހަމަލާ ދެމުންނެވެ. އަދި އީރާނަށް ފުރަތަމަ ބުރުގައި ހަމަލަ ދިނުމަށް ބޭނުންކުރި ސްޓެލްތް ބަންކަރ ބަސްޓަރ ބޮން އަޅާ ފަހުގެ ބޯޓުތައް ބޭނުންކޮށްފައިވަނީ އެ ތަނުން އުދުއްސައިގެންނެވެ. އަދި ރާއްޖޭގެ ވައިގެ ސަރަހައްދުގެ އިތުރުން ކާޑެއްދޭ އެއަރޕޯޓް ބޭނުންކުރަން އެމެރިކާއަށް ހުއްދަ ދިން ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
މިކަމާއި ގުޅިގެން ރާއްޖެޓީވީ އިން ވަނީ، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް އެދުނީ ކޮން ގައުމަކުންތޯ ސުވާލު ކޮށްފަ އެވެ. އެ ސުވާލުގެ ޖަވާބުގައި ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ ގައުމުތަކާ އެކު ކުރެވޭ 'އެކަހަލަ' މުއާމަލާތްތަކަކީ އެ ގައުމުތަކުގެ އިޒުނައާއެކު ނޫނީ ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށެވެ.
ފުރަތަމަ ސުވާލަކީ ކޮންކޮން ގައުމުތަކެއްތޯ؟ އަޅުގަނޑުމެން ގައުމުތަކާ އެއްކޮށް ކުރެވޭ އެކަހަލަ މުއާމަލާތްތަކަކީ އެ ގައުމުތަކުގެ އިޒުނައާއެކު ނޫނީ ހާމަކުރާ މައުލޫމާތުތަކެއް ނޫންކަން އަޅުގަނޑު ދަންނަވާލަން. އެއީ ދޭދޭ ގުޅުންތަކަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިހުތިރާމްކޮށްގެން ކުރިއަށްގެންދާ ގުޅުންތަކެއް ކަމުގައިވާތީ.ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލު
ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވީ ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ގައުމަކަށް ހަމަލާ ދިނުމަށް ބޭނުން ކުރެވިފައި ނުވާ ކަމަށެވެ. އަދި އެ ހުއްދަވެސް ދިވެހި ސަރުކާރުގެ ފަރާތުން ނުދޭނެކަމުގެ ކަށަވަރުކަން އަރުވާ ކަމަށެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފައިވާ ކަމަށް އަޑު ފެތުރިފައިވާ އިރު، ލަންކާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެމެރިކާއިން އެދުމުން އެ ހުއްދަ ނުދޭން ނިންމި ކަމަށް އެ ގައުމުން ވަނީ ހާމަކޮށްފަ އެވެ. އެގައުމުގެ ދެކުނުގައި އޮންނަ މައްތަލާ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަނގުރާމައިގެ ދެ ބޯޓު ބަހައްޓަން އެމެރިކާއިން އެދުމުން ލަންކާ އިން ވަނީ ރަސްމީކޮށް ދެކޮޅު ހަދައިފަ އެވެ.
ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކޭ ވަނީ 2026 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހު މަޖިލީހަށް އެކަން އަންގަވާފަ އެވެ. އަދި އެގައުމުގެ ނިއުޓްރަލް، ނޮން އެލައިންޑް ޚާރިޖީ ސިޔާސަތު ދެމެހެއްޓުމަށާއި ސަރަހައްދީ ހަމަނުޖެހުންތަކުގައި އެ ސަރަހައްދު ބޭނުން ނުކުރުމަށް ވަނީ މަޖިލީހުގައި ވެސް އެދިފަ އެވެ.