މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރު ވުމަށް މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެން އެކަން ހުށައަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުވި ސިޓީއެއްގައި ކުޑޫ ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ
އަސަރުތައް ދިވެހިރާއްޖެއަށް ކުރިމަތިވާން ފަށައިފައިވާ ކަމަށެވެ. އެހެން ކަމުން މި ގައުމުގެ މިހާރުގެ
މާލީ ހާލަތާއި، ފުދުންތެރިކަމާއި، ތެލާއި، ގެހާއި، ބޭހާއި އަދި ކާބޯތަކެއްޗަށް
ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމާމެދު ބައެއް ކަންކަން ފާހަގަކުރެވޭ ކަމަށް ކުޑޫ ވިދާޅުވި އެވެ.
އެގޮތުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު
މިއަދު ހުރީ 112 ޑޮލަރުގައި ކަމަށާ އެ އަގު ދަނީ އުފުލެމުން ކަމަށް މެންބަރު ވިދާޅުވި އެވެ. ދިވެހިރާއްޖެއަށް ކޮންމެ މަހަކު 330،000 ފީފާގެ ތެޔޮ ބޭނުންވާއިރު މިހަނގުރާމަ ފެށުނު އިރު ތެޔޮ ގަތުމަށް ކޮންމެ މަހަކު އެވްރެޖްކޮށް 30
މިލިއަން ޑޮލަރު ހޭދަކުރި ނަމަވެސް މިއަދަދު މަހަކު 50 މިލިއަން ޑޮލަރާއި 60
މިލިއަން ޑޮލަރަށް މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ކުޑޫ ވިދާޅުވި އެވެ.
މެންބަރު ވިދާޅުވީ އަސާސީ އެހެނިހެން ތަކެއްޗާއެކު ޖުމްލަ އިމްޕޯޓަށް ކޮންމެ މަހަކު މަދުވެގެން
100 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާ ޔޫޒަބަލް ރިޒާވްގައި ހުރީ 240 މިލިއަން ޑޮލަރު ކަމަށެވެ. މިއީ، އެންމެ 2 މަހާއި ބަޔަށް
ބޭނުންކުރެވޭ ވަރުގެ އަދަދެއް ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ.
އޭގެ އިތުރުން ޓޫރިޒަމަށް ވެސްބޮޑު ލޮޅުމެއް އަރާފައިވާ ކަމަށާ ކޮންމެ ދުވަހަކު އެތައް ހާސް
ބުކިންތަކެއް ދަނީ ކެންސަލް ކުރަމުން ކަމަށް މެންބަރު ވިދާޅުވި އެވެ. އެހެންކަމުން މި ކަންކަމާގުޅޭ ގޮތުން މައުލޫމާތު
އެއްކުރުމަށާއި، ކުރިއާލާ އަޅާންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް
މަޝްވަރާކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ
ބައްދަލުވުމެއް ބާއްވައިދިނުން އެދޭ ކަމަށް ކުޑޫ ވިދާޅުވި އެވެ.