ނ.މިލަދޫގައި ސިފައިންގެ މީހެއްގެ ޔުނީފޯމްތައް މަގު މައްޗަށް އުކާލައިފި އެވެ.
މިހާދިސާ ހިނގީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
މިކަމާއި ގުޅޭގޮތުން އެރަށުގެ ކައުންސިލްގެ ރައީސް އަބްދުލްމަޖީދު މުހައްމަދު ވިދާޅުވީ، ސިފައިންގެ މީހެއްގެ ޔުނީފޯމްތަކާއެކު ހެދުންތައް މަގު މައްޗަށް އުކާލާފައިވާ ކަމަށާއި، އެ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އާއިލީ މައްސަލައެއް ކަމަށް މައުލޫމާތު ލިބުނު ނަމަވެސް ތަފްސީލް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސޯޝަލް މީޑިިއާގައި މިފޮޓޯތައް ދަނީ ދައުރުވަމުންނެވެ. ޔުނީފޯމްތައް އުކާލާފައި ހުރީ ނޭމް ޓެގް ވެސް ފެންނަ ގޮތަށެވެ.
މުމްތާޒު ނަން ޖަހާފައި ހުރި މި ޔުނީފޯމްތައް ބިން މައްޗަށް އުކާލި މައްސަލައާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ސިފައިންގެ ގަވާއިދުގައިވާ ގޮތުގައި ޔުނިފޯމަށް އިހުތިރާމް ކުޑަވާ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެކެވެ. ސިފައިންގެއިން ރިޓަޔަރވާއިރު، އަދި ކެނޑުނު ނަމަވެސް ޔުނިފޯމް ކިޓް އެއްކޮށް ސިފައިންގެއަށް ހަވާލު ކުރަން ޖެހެ އެވެ. މީގެ އިތުރުން ޗުއްޓީއަށް ރާއްޖޭގެ ރަށަކަށް ނުވަތަ ބޭރު ގައުމަކަށް ދިޔަ ނަމަވެސް ޔުނީފޯމް ގެންދިއުމަކީ ސިފައިންގެ މީހާގެ މައްޗަށް މަޖުބޫރު ކޮށްފައިވާ ކަމެކެވެ. ޔުނީފޯމް ދޫކޮށްލާފައި ދިއުމަކީ ގަވާއިދުގައި ހަރުކަށި ކޮށް މަނާ ކޮށްފައިވާ ކަމެކެވެ. ޔުނިފޯމްއަށް އިހުތިރާމް ކުޑަވާ ގޮތަށް އެއްވެސް ކަމެއް ކޮށްފި ކަމުގައިވާނަމަ އެކަމަކަށް އަދަބު ލިބޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.