އައްޑޫ ސިޓީގެ ހިތަދޫގައި ހިއްކި ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޑްރައިވަރަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
މި ހިނގާ މަރޗް މަހުގެ 21 ވަނަ ދުވަހުގެ 16:50 އެހާކަންހާއިރު، މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ކާރު ފުރޮޅާލައިގެން ކަމަށް ފުލުހުން ބުނެ އެވެ. މި ކާރުގައި ތިބި ހަތަރު މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ.
ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ، އިތުރު ފަރުވާ އަށް ހޮނިހިރު ދުވަހުގެ ރޭ ވަނީ އައިޖީއެމްއެޗަށް ގެނެސްފަ އެވެ.
ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ މިޑީއާ އޮފިޝަލް ވިދާޅުވީ، އެކްސިޑެންޓްގައި އަނިޔާވި 42 އަހަރުގެ ދިވެހި ފިރިހެނަކަށް ފަރުވާ ދެމުންދާ ކަމަށާއި، އޭނާ އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަަމަށެވެ.
އޭނާގެ ހާލު ސީރިއަސް ވެފައިވާއިރު، ކާރުގައި ތިބި އަނެއް 3 މީހުންނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ. ނަމަވެސް އެމީހުންގެ ހާލަތާ ގުޅޭގޮތުން އެ ހޮސްޕިޓަލުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ 3 މީހުންނަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.
މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މީގެ ކުރިން ވެސް އައްޑޫ ސިޓީގައި ނުރައްތެރި އެކްސިޑެންޓްތައް ހިނގައި މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ.