ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ ބީއެމްއެލް އެފޯޑަބަލް ލީސިންގ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް-3 ގައި އިމާރާތްކުރާ 1224 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. 

ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މިމަޝްރޫއުގެ ބިންގާ އަޅާފައިވާއިރު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ރައީސް މުއިއްޒުގެ އިރުޝާދާއެކު މި މަސައްކަތްތައް ކުރިއަށްދަނީ ވަރަށް ބާރު ދުވެލީގައި ކަމަށެވެ. އަދި މިއީ ސަރުކާރުގެ ސިޔާސަތުތަކުން ރައްޔިތުންނަށް ސީދާ ފައިދާވުމުގެ ރަނގަޅު މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝަރީފް ވިދާޅުވީ، މިމަޝްރޫއުގެ ސަބަބުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ގިނަ އާއިލާތަކަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. 

ހުޅުމާލެ ފޭސް-3 ގައި އިމާރާތްކުރާ މި މަޝްރޫއު ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސ.ީއެމް.އީ.ސީ)އާ އެވެ. 

ބީއެމްއެލް އެފޯޑަބަލް ލީސިންގ ޕްރައިވެޓް ލިމިޓެޑްއާ ހަވާލު ކޮށްގެން ހުޅުމާލެ އާއި ވިލިމާލޭގައި ޖުމްލަ 3260 ހައުސިންގ ޔުނިޓުގެ ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ.

އެއީ،

  1. ހުޅުމާލެ ފޭސް 3 : 1224 ހައުސިން ޔުނިޓް، ސީ.އެމް.އީ.ސީ

  2. ހުޅުމާލެ ފޭސް 3: 1190 ހައުސިން ޔުނިޓް، ބީ.ޔޫ.ސީ.ޖީ
  3. ހުޅުމާލެ ފޭސް 1: 364 ހައުސިން ޔުނިޓް، އަމީން ކޮންސްޓްރަކްޝަން
  4. ހުޅުމާލެ ފޭސް 1: 182 ހައުސިން ޔުނިޓް، އެފް ޑަބްލިއު ކޮންސްޓްރަކްޝަން
  5. ވިލިމާލެ: 300 ހައުސިން ޔުނިޓް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން.

ސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު، ބޯހިޔާވަހިކަމާއި ގުޅުންހުރި އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތެއް ފެށިފައިނުވެ އެވެ. 2025 ވަނަ އަހަރު ބޯހިޔާވަހިކަމުގެ އަހަރުގެ ގޮތުގައި ޕްރޮމޯޓްކޮށް ބަޖެޓް ވެސް ބޯހިޔާވަހިކަމަށް ޚާއްސަ ކުރި އެވެ. ނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިނުވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވި އެވެ. 

މީގެ އިތުރުން ބޭންކް މެދުވެރިކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާތީ ގިނަ ބަޔަކު ދަނީ ބޭންކުގެ މިނިވަންކަމާއި، ބޭންކްގެ މޭންޑޭޓާއި މެދު ސުވާލު އުފައްދަމުންނެވެ.