މާލެއިން ރަށްރަށަށް ކުރާ ދަތުރުތަކުގެ އަގު
ދެގުނައަށް އަރާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ
ދުރުވިސްނުންފުޅާއެކު ތެލުގެ ދަތިކަމަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް
ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މާލެއިން ރަށްރަށަށް ދަތުރުކުރާ ބޯޓުފަހަރާއި
ލޯންޗުފަހަރުގެ އަގުތައް ވަނީ ދެގުނައަށް ބޮޑުކޮށްފައެވެ. އެގޮތުން ރާއްޖެއެމްވީއާ
ވާހަކަދެއްކި ފަރާތްތަކުން ބުނި ގޮތުގައި ތެލުގެ ދަތިކަމުގެ ސަބަބުން ބައެއް ރަށްރަށުގައި
އަގުތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ވަކިން ޚާއްސަކޮށް މެދުއިރުމަތީގައި ހިނގަމުންދާ
ހަނގުރާމައާ ގުޅިގެން ތެލުގެ ދަތިކަން އެކި ޤައުމުތަކަށްވެސް
ކުރިމަތިވަމުންދާއިރު، އެ ޙާލަތަށް ރިއާޔަތްކޮށް އޮޑިދޯނިފަހަރުތަކުންވެސް ވަނީ
އަގުތައް މަތިކޮށްފައެވެ. އެގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ކާށިދޫގެ
ދަތުރުކުރާ ލޯންޗެއްގެ ވެރިފަރާތުން ބުނީ، ކުރިން ދަތުރުކޮށްދެނީ 300 ރުފިޔާއަށް
ކަމަށާއި، މިހާރު އެ އަގު 600 ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

މީގެ އިތުރުން، މެދު ރާއްޖެ ތެރޭގެ ބައެއް
ރަށްރަށަށް ބަލާއިރުވެސް، ކުރިން 450ށް ދަތުރުކޮށްދޭ ބައެއް ލޯންޗުތަކުން މިހާރު
ވަނީ 900ށް އަގުބޮޑުކޮށްފައެވެ.

ތެލުގެ ދަތިކަން ބޮޑުވެ ޚިދުމަތްތަކުގެ އަގަށް މިފަދަ
ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި އެކްސްގައި ހިއްސާކުރެއްވި
ޕޯސްޓެއްގައި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ، މެދުއިރުމަތީގައި އުފެދިފައިވާ
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ
އިތުރުން ތެޔޮ ސަޕްލައި ކުރުމަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ
ކަމަށެވެ. އަދި ވިދާޅުވީ، މި ޙާލަތުގެ އަސަރު ދިވެހި ޤައުމާއި ރައްޔިތުންނަށް
ކުރާވަރު ވީހާވެސް ކުޑަ ކުރެއްވުމަށްޓަކައި ރައީސް ޑރ މުޙައްމަދު މުޢިއްޒު
ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއެކު، ވަރަށް ހަލުވިކޮށް އަދި ރޭވުންތެރިކަމާއެކު ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި
އެސްޓީއޯއިން މިހާރު ގެންދަނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނެ
ގޮތުގެމަތީން ދަމަހައްޓަމުންނެވެ. އެގޮތުން އެސްޓީއޯއިން
ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، އަދި އޭގެ އިތުރަށް ދުރާލާ
ސަޕްލަޔަރުންނާއެކު އެސްޓީއޯއިން އެއްބަސްވެފައިވާ "ނޮމިނޭޝަން"
އެރޭންޖްމެންޓުގެ ދަށުންކަމަށްވެސް ސައީދު ފާހަގަ ކުރެއްވިއެވެ.

ސައީދު ވިދާޅުވި
ގޮތުގައި މި ހަފުތާވެސް މިހާރު ވަނީ ތެލުގެ އައު ދެޝިޕްމެންޓެއް ރާއްޖެ
ގެނެސްފައެވެ. އަދި އެސްޓީއޯއިން ސަޕްލަޔަރުންނާއިއެކު އެއްބަސްވެފައިވާ
ނޮމިނޭޝަނާއި ތާރީޚުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައްވެސް ރާއްޖެއަށް
ގެނައުމަށް ޝެޑިއުލް ކުރެވިފައިވާކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ، އެއްވެސް
ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ
އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރައްޔިތުންނަށް ލިބެން
ހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ.