ރައިސް ޑރ މުހައްމަދު މުއިއްޒު ގެންނަވަން އެ
އުޅުއްވަނީ ރަސްކަލެއްގެ ބާރުގައި ރައީސްކަމުގައި ހުންނެވޭނެ ފަދަ ނިޒާމެއްކަމަށް ރައްޔިތުންގެ
މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)
ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ގެނެސްދޭ ނޫނެކޭ ކެމްޕޭން
ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ، ރެފަރެންޑަމް ވޯޓުގައި
ނޫނެކޭ ބުނަންޖެހޭ އެތައް ސަބަބެއް މިހާރުވެސް ރައްޔިތުންނަށް ހާމައަށް ފެންނަމުންދާ
ކަމަށާއި، ސަރުކާރުން އެ ވޯޓަށް ނުފޫޒު ފޯރުވަމުންދާ މިންވަރުވެސް ފެންނަމުންދާ
ކަމަށެވެ.
ވައްޑެ ވިދާޅުވީ، ރައީސް ބޭނުންފުޅުވާ ގޮތަށް
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފާސްވެއްޖެނަމަ ރިޔާސީ ދައުރު ނުވަތަ
ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ބަދަލު އަންނާނެ ކަމަށެވެ. އަދި ވިދާޅުވީ،
އޭނާއަށް ޤަބޫލު ކުރެވޭ ގޮތުގައި މަޖިލީހުގެ ދައުރު ކުރު ކުރުމަށްވުރެ ގާތީ ރިޔާސީ
ދައުރު ދިގު ކުރުމެވެ.
ވައްޑެ ވިދާޅުވީ، މި ސަރުކާރު އޮތީ ވެރިކަމަށް
ދަހިވެތިވެފައި ކަމަށާއި، ރައްޔިތުން ކުޑަކުޑަ ޖާގައެއް ދިން ނަމަވެސް، އެއަށްވުރެ
ބޮޑުތަން މި ސަރުކާރުން ދަމައިގަންނާނެ ކަމަށެވެ. އެހިސާބުން ދެން
ރައްޔިތުންނަށްވެސް ކުރެވޭނެ ކަމެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެއް ގޮތަކީ މަޖިލިސް އުމުރު ކުރުކޮށްލާނީ، އަނެއް ގޮތަކީ ރިޔާސީ ދައުރު ދިގުކޮށްލާނީ، އަޅުގަނޑު ޤަބޫލު ކުރަނީ މަޖިލިސް ދައުރު ކުރެއް ނުކުރާނެއޭ، ރިޔާސީ ދައުރު ދިގޭ ކުރާނީ، ރައްޔިތުން ރުހުން ދީފައޭ އެ އޮތީ ދައުރު ދިގުކުރަން، ކައިވަތެއް ދީފިއްޔާ މޭލެއް ދަމައިގަންނާނެއޭ ބުނާހެންރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)
ވައްޑެ އިތުރަށް ވިދާޅުވީ، ދިވެހި
ރައްޔިތުންވެސް އަބަދު ހުދުމުހުތާރު ވެރިކަމަކަށް އާނބަސް ބުނެގެން ނުތިބޭނެ
ކަމަށާއި، އަޅުވެތިކަމުގައިވެސް ތާއަބަދު ނުތިބޭނެ ކަމަށެވެ. އަދި ވިދާޅުވީ، ރައިސް
ޑރ މުހައްމަދު މުއިއްޒު ގެންނަވަން އެ އުޅުއްވަނީ ރަސްކަލެއްގެ ބާރުގައި ރައީސްކަމުގައި
ހުންނެވޭނެ ފަދަ ނިޒާމެއް ކަމަށެވެ.
ހަގީގަތުގައި މުއިއްޒު ވިރާސީ ރަސްކަން ނުކިޔުއްވާ މި އައްސަވަނީ އެއްކަލަ ބުނާހެން ރައިސްކަމުގައި އެކަމަކު ރަސްކަލެއްގެ ބާރުގައި ހުންނެވޭނެ ނިޒާމެއް ގެންނަން އެ އުޅުއްވަނީ، އެހެންވީމާ ރައްޔިތުން މިފަހަރު ނޫނެކޭ ބުނަން ޖެހެނީ، އަލުން އަނބުރާ ވިރާސީ ރަސްކަމަކަށް ނޫނެކޭ ބުނަން މި ޖެހެނީ،ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)
މީގެ އިތުރުން، ދުނިޔޭގެ ހުދުމުހުތާރު
ވެރިކަންތައް ހިނގަމުންދާ ބައެއް ޤައުމުތަކުގައިވެސް ކަންކަން ހިނގަނީ
އެމަގުންކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައީސް އުފައްދަވަން އުޅުއްވަނީ ރަސްކަމަކަށްވުރެވެސް
އެމަނިކުފާނުގެ ބާރު ގަދަވާނެ ފަދަ ވެރިކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ރެފަރެންޑަމް ވޯޓުގައި ހުރިހާ
ރައްޔިތުންވެސް ނޫނެކޭ ބުނުމަށް ވައްޑެ ވަނީ އެދިވަޑައިގެންފައެވެ.