އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން
އިސްކުރަނީ ރައީސް ޑރ މުޙައްމަދު މުއިއްޒު ފޮނުއްވެވި ޤަރާރުކަމަށް އެމްޑީޕީގެ
ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ގެނެސްދޭ ނޫނެކޭ ކެމްޕޭން
ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ، ރެފަރެންޑަމް ވޯޓާ ގުޅިގެން
ހުރި ކަންބޮޑުވުންތައް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށްފައިވާނެ
ކަމަށާއި، އިންތިޚާބާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްނުދޭ ސަބަބާ
ގުޅޭގޮތުން އެމްޑީޕީން ސުވާލުވެސް ކޮށްފައިވާނެ ކަމަށެވެ.
ވަހީދު ވަނީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނާއި
އިންތިޚާބާ ބެހޭ ޤާނޫނުތަކުގެ ދަށުން އެ ކޮމިޝަނުން އަދާކުރަންޖެހޭ ޒިންމާ ކޮބައިތޯ
ސުވާލު ކުރައްވާފައެވެ. އަދި ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ
ކޮމިޝަނުން އިސްކުރަނީ ރައީސް ފޮނުއްވެވި ޤަރާރު ކަމަށެވެ.
މީގެ އިތުރުން، ދައުލަތުގެ މީޑިއާއިންވެސް ފަތުރަމުންދަނީ
ހަމައެކަނި ރައީސް ބޭނުންފުޅުވާ މައުލޫމާތު އެކަނި ކަމަށާއި، ހުރިހާ މުއައްސަސާތަކެއް
މިއަދު އޮތީ ހިސޯރުކޮށްފައިކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
އެބޭފުޅުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީގައި އޮތީ ހަމައެކަނި ރައްޔިތުން ކައިރީގައި ހޭ އަހާލާށޭ، ނުވަތަ އާނއެކޭ ނޫނީ ނޫނެކޭތޯ އަހާލާށޭ. ކޮބައިތޯ އެބޭފުޅުންގެ ޒިންމާއެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު
މީގެ އިތުރުން، މެދުއިރުމަތީގައި ހަނގުރާމައެއް
ހިނގަމުންދާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައިވެސް
ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދައިދިނުމަށް މަސައްކަތް ކުރުމުގެ
ބަދަލުގައި މުޅި ސަރުކާރުގެ ފޯކަސް ހުރީ ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބު
ކުރުމަށް ކަމަށެވެ.
ވަހީދު ވިދާޅުވީ، އިންތިޚާބުގެ ކަންކަން
ތަރުތީބުވަމުންދާ ގޮތުން ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ
ބިރު އެބައޮތް ކަމަށާއި، މިނިވަން މުއައްސަސާތަކުގެ މައްޗަށް ސަރުކާރުގެ ނުފޫޒު
އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.