ރިޔާސީ އިންތިޚާބަށް ފަހު މަޖިލިސް އިންތިޚާބު ބާއްވާނަމަ
ވޯޓު ގަންނަން ކުރިއަށްގެންދާ ކެމްޕޭނުގައި ޕީއެންސީގެ މެމްބަރުންގެ އެއްބާރުލުން
ނުލިބޭނެކަން ރައީސަށްވެސް އެނގިވަޑައިގަންނަވާކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ
މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ގެނެސްދޭ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި
ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ، މަޖިލިސް މެމްބަރުން މުލިއާގެއަށް ވަނުމުން
ކުރިން ދައްކަމުން އަންނަ ވާހަކަތައް ބަދަލުވާ ކަމަށާއި، މިހާރު ތިއްބެވި ޕީއެންސީގެ
މެމްބަރުންނަކީ މި ސަރުކާރުގެ އަޅުން ކަމަށެވެ.
ހަމައެއާއެކު، މީގެ ކުރިން ޕީއެންސީގައި އެންމެ
ކުޑަމިނުން ބަސް ވިދާޅުވާން ކެރޭ މެމްބަރުން ތިބޭކަމަށްވެސް ވައްޑެ ވިދާޅުވިއެވެ. އަދި
ވިދާޅުވީ، މިއަދު މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެމްބަރުންނަކީ ނުހަނު ބަލިކަށި
ބައެއްގެ ގޮތުގައި ސިފަވާ ކަމަށެވެ.
އެ ކަންބޮޑުވުން ހުދު ޕީއެންސީގެ މެމްބަރުންވެސް
ހިއްސާކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
ވައްޑެ އިތުރަށް ވިދާޅުވީ، މަޖިލީހުގައި ބިދޭސީ
މުވައްޒަފުން ނަގައިގެން ގެންގުޅެވޭނަމަ މިއަދުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު
ކަންކުރައްވާނީ އެގޮތަށް ކަމަށެވެ. އެގޮތުން ރައީސް ބޭނުންފުޅުވާ ގޮތަކަށް
މަޖިލީހުގެ މެމްބަރުންނާމެދު ކަންކަން ކުރައްވަމުން ގެންދަވާކަމަށް ވައްޑެ
ވިދާޅުވިއެވެ.
މީގެ އިތުރުން، ރިޔާސީ އިންތިޚާބަށްފަހު މަޖިލިސް
އިންތިޚާބު ބާއްވާނަމަ ވޯޓު ގަންނަން ކުރިއަށްގެންދާ ކެމްޕޭނުގައި ޕީއެންސީގެ މެމްބަރުންގެ
އެއްބާރުލުން ނުލިބޭނެކަން ރައީސަށްވެސް އެނގިވަޑައިގަންނަވާ ކަމަށާއި، ދެ
އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން މަސައްކަތް ކުރަނީ އެ ސަބަބާހުރެކަމަށްވެސް
ވައްޑެ ވިދާޅުވިއެވެ.
މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުން ތިއްބެވީ
ރިޝްވަތުގެ ފައިސާގައި ޖެހިގެންކަމަށް މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ
ކައުންސިލް އިންތިހާބުގެ ތަރުޖަމާން އަބްދުﷲ ވަހީދުވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ،
މިއަދު އެންމެ ކުޑަމިނުން ދާއިރާއާ ގުޅުންހުރި ކަމެއްގައިވެސް ސުވާލެއް ކޮށްލަން ޕީއެންސީގެ
މެމްބަރުންނަށް ކެރިވަޑައިނުގަންނަވާ ކަމަށެވެ.
ވަހީދު ވިދާޅުވީ، އިންތިޚާބުގެ ކަންކަން
ތަރުތީބުވަމުންދާ ގޮތުން ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ
ބިރު އެބައޮތް ކަމަށާއި، މިނިވަން މުއައްސަސާތަކުގެ މައްޗަށް ސަރުކާރުގެ ނުފޫޒު
އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.