އޭޕްރީލް 4 ގައި އޮންނަ ފެންނަ ނުފެންނަ
ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ
ފާހަގައަކަށް ވެގެންދާނެ ކަމުގެ ޔަޤީންކަން ދޭކަމަށް  އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު
އިހުސާން ވިދާޅުވެއްޖެ އެވެ.

އިހުސާން އެހެން ވިދާޅުވީ ހޮނިހިރު ދުވަހު
ބޭއްވި ޕިކަޕް ޖަލްސާގަ އެވެ. އެގޮތުން ޕިކަޕް ޖަލްސާގައި ވާހަކަ ދެއްކެވި
އެމްޑީޕީގެ މެމްބަރުން ވަނީ އޭޕްރީލް 4 ގައި ނަގާ ފެންނަ ނުފެންނަ ވޯޓަކީ
ސަރުކާރުން އޮޅުވާލުމެއްގެ ތެރެއިން ނަގާ ވޯޓެއްކަން ފާހަގަ ކުރައްވައި އެ
ވޯޓުގައި ނޫނެކޭ ޖަހާފައިވާ ގޮޅީގައި ހެޔޮ ފާހަގަ ޖެހުމަށް އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން، މި އިންތިޚާބުގައި ނަގާ ވޯޓުގެ
ނަތިޖާ އަންނަ ގޮތެއްގެ ސަބަބުން ހިނގަހިނގާ އޮންނަ މަޖިލީހުގެ ދައުރެއްގެ 6 މަސް
އުނިވެގެންދާކަން ފާހަގަ ކުރައްވައި މެމްބަރުން ވަނީ އެކަން ސަރުކާރުން އޮޅުވާލަމުންދާކަމަށް
ވިދާޅުވެ، މިއަދުގެ ސަރުކާރާއި ބަންޑާރަނައިބަށްވެސް ވަރަށް ބޮޑަށް
ފާޑުވިދާޅުވެފަ އެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު
އިހުސާން ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ކޮވިޑް 19 ގެ ދަތި އުނދަގޫ
ޙާލަތުގައިވެސް އޭރުގެ ސަރުކާރުން އިސްކަން ދީފައިވާނީ އާންމު ރައްޔިތުންނަށް
ކުރިމަތިވާނެ ތަކުލީފުތައް ކުޑަކުރުމަށް ކަމަށާއި، އިންކަމް ސަޕޯޓު އެލަވަންސްއާއި
އެނޫންވެސް އެކި ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިވާނެ މަގުތައް އެމްޑީޕީން
ފަހިކޮށްދީފައިވާނެ ކަމަށެވެ.

އެހެންނަމަވެސް މި ހިނގަމުންދާ ސަރުކާރުގައި
ހަނގުރާމައިގެ ޙާލަތެއްގައިވެސް ފެންނަމުންދަނީ ރައްޔިތުންނަށް ކަންކަން
އޮޅުވާލައި ސިއްރު ކުރަމުންދާ މަންޒަރު ކަމަށާއި، މިއަދު އޮތް ސަރުކާރަށް
މުހިއްމުވަނީ ހަމައެކަނި ސިޔާސީ ކުރިއެރުންކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

މިހާރު މި ހިނގަމުންދާ ސަރުކާރުގައި ހަނގުރާމައިގެ ޙާލަތެއްގައިވެސް ފެންނަމުންދަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލައި ސިއްރު ކުރަމުންދާ މަންޒަރު، މިއަދު އޮތް ސަރުކާރަށް ހަގީގަތުގައި މުހިއްމުވަނީ ހަމައެކަނި ސިޔާސީ ކުރިއެރުން.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން 

އިހުސާން ވިދާޅުވީ، ރެފަރެންޑަމް ވޯޓުގައި
ނޫނެކޭ ބުނުމަކީ ރައްޔިތުންނަށް އެކަމުގެ ހެވާއި ލާބައާއި މަންފާ ކުރާނެ
ނިންމުމެއް ކަމަށާއި، ކައުންސިލް އިންތިޚާބުގައި ތިލަފަތަށް ވޯޓު ދިނުމަށް އެދޭ
ކަމަށެވެ.