މި ސަރުކާރުން ދެ އިންތިޚާބު އެއްކުރަން އުޅޭ ގޮތް ގޯސް ކަމަށާ ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ އެހެންވެގެން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ ގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެމަނިކުފާނުގެ ސަރުކާރުގެ ބޭފުޅުންނަށް ގާނޫނު އަސާސީ އިސްލާހު ކުރުން ވެސް ފެންނަނީ ސިޔާސީ ކަމެއްގެ ގޮތުގައި ކަމަށެވެ. 

ނަމަވެސް މިއީ ސިޔާސީ ކަމެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ. 

ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ސިޔާސީ ކަމެއް ނޫން. މިއަދު އަޅުގަނޑު މިތަނަށް އައިސް މިއިނީ އެމްޑީޕީ ގެ މެންބަރަކަށް ވީތީ އެއް ނޫން. ނުވަތަ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރަކަށް ވީތީ އެއް ނޫން. އަޅުގަނޑު މިއިނީ ހަމަ ކޮންސަރންޑް ސިޓިޒެން އެއް އައިސް. އަޅުގަނޑުމެންގެ މުސްތަގުބަލާ އަޅުގަނޑުމެންގެ މައިންބަފައިންގެ، އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލު ބައްޓަން ކުރާނީ ކިހިނެއްތޯ. އެ މީހުންނަށް ލިބޭނީ ކޮން ހައްގެއްތޯ.
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ރައްޔިތުންގެ ހުރިހާ ހައްގެއް ވެސް ގުޅިފަ އޮންނަނީ ގާނޫނު  އަސާސީ އާ ކަމަށާ އެއީ ސިޔާސީ ކަމެއް ނޫން ކަމަށް މާރިޔާ ތަކުރާރު ކޮށް ވިދާޅުވި އެވެ. ރައީސް މުއިއްޒު ބޭނުންހާ ވަގުތަކު ހިތަށް އެރުއްވީމާ ގާނޫނު އަސާސީ ބަދަލު ނުކުރެއްވޭނެ ކަމަށާ މިއީ ވިސްނައިގެން ކުރަން ޖެހޭ ކަންކަން ކަމަށް މާރިޔާ ވިދާޅުވި އެވެ. 

މާރިޔާ ވިދާޅުވީ ކުރިގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ގާނޫނު އަސާސީ ބަދަލު ކުރައްވަން ވީމަ ގެންނެވީ އިސްލާހީ އެޖެންޑާ އެއް ކަމަށެވެ. އޭގައި މުޅި ހުރިހާ ވާހަކައެއް އޮތް ކަމަށާއި، މި ސަރުކާރުން މިކަން ކުރަނީ ޕީސް ބައި ޕީސް އުސޫލުން ކަމަށެވެ. މިއީ މިކަން ހިނގައިގެން ވާނެ ގޮތް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ.

ފެށުނީއްސުރެ ވެސް އެމްޑީޕީ އިން ދައްކަނީ އެ ވާހަކަ ކަމަށާ އެބޭފުޅުންނަށް މިއީ ސިޔާސީ ކަމެކޭ ވިސްނުނު ހިސާބުން މިކަން ގޯސް ކަމަކަށް ވެއްޖެ ކަމަށާ ރެފަރެންޑަމް ގައި ނޫނެކޭ ބުނަން ޖެހެނީ މި ސަބަބަށް ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވެފައިވަނީ މި ރެފަރެންޑަމް ވޯޓަކީ ވަރަށް ނުރައްކާތެރި، އަދި ބިރުވެރި ވޯޓެއް ކަމަށެވެ. ދެ އިންތިޚާބު އެއްކޮށްލުމަށް މި ސަރުކާރުން އުޅެނީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ގާނޫނު އަސާސީ އަށް ބަދަލު ގެނައުން މުހިއްމު ކަމަަށް ރައްޔިތުންނަށް ދައްކަން އުޅޭއިރު މިއީ އަދި ފެށުން ކަމަށް ބަންޑާރަ ނައިބު ވިދާޅުވާ ކަން މާރިޔާ ފާހަގަ ކުރެއްވި އެވެ. 

މާރިޔާ ވިދާޅުވީ މި ސަރުކާރުން ދެ އިންތިޚާބު އެއް ކުރަނީ ޚަރަދު ކުޑަކުރަން ނޫން ކަމަށެވެ. އަދި މިކަމަށް އާނ އެކޭ ރައްޔިތުން ބުނެއްޖެ ނަމަ މިއީ ގާނޫނު އަސާސީ މި ސަރުކާރުން ބޭނުން ގޮތަކަށް ބަދަލު ކުރުމަށް ކާމިޔާބު ކަމާއެކު ކުރާ ފުރަތަމަ ކަންތައް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.