އެމްޑީޕީގެ ވެރިކަން ނޫން އެހެން ވެރިކަންތަކުގައި
އަބަދުވެސް ފެންނަނީ ސުޕްރީމް ކޯޓު އެއްކޮށް ހަލާކުކޮށްލާ މަންޒަރުކަމަށް ދާންދޫ
ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި
ވާހަކަ ދައްކަވަމުން ޔައުޤޫބް ވިދާޅުވީ، ސުޕްރީމް ކޯޓަށް މިހާރު ރައްޔިތުން
ކުރަމުންދާ އިތުބާރު ގެއްލެމުންދާ ކަމަށާއި، ސުޕްރީމް ކޯޓު ކުރިން ހިނގަމުން އައި
ގޮތް މިހާރު ބަދަލުވަމުންދާ ކަމަށެވެ.
ވަކިން ޚާއްސަކޮށް ސުޕްރީމް ކޯޓަށް މައްސަލައެއް
ހުށަހެޅުމުން ކަންކަން ވެގެން ދިޔަ ގޮތުންވެސް ރައްޔިތުންނަށް ވަރަށް ގިނަ
ކަންކަން ސާފުވެގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން މިހާރު ސުޕްރީމް ކޯޓަށް ރިފަރެންޑަމްއާ
ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަވެސް ކުރިއަށްދާނެ ކަމާމެދު ޔައުޤޫބް ސުވާލު
އުފެއްދެވި އެވެ.
ބޭނުންހާ ދުވަހެއް ވަންދެން ހަމަ އެއްވެސް މުއްދަތެއް ނެތްގޮތަށް ކޭސްތަކެއް އެގޮތަށް ފައިލްކޮށްފައި ބޭއްވޭނެ ތަނެއް ނޫން އެއީ، އެހެންނަމަވެސް ބައްލަވާ މިހާރުވެސް ސުޕްރީމް ކޯޓުގައި ވާނެ ފްލޯ ކްރޮސް ކުރުމުގެ މައްސަލަ.ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބް އަބްދުﷲ
ޔައުޤޫބް ވިދާޅުވީ، ދިވެހި ރައްޔިތުން އެމީހުންގެ ވާޖިބު
އަދާކުރުމުގެ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ މައްސަލަތައް ހުށަހެޅުމަކީ
ކުރަންޖެހޭ ކަމެއް ކަމަށާއި، ސުޕްރީމް ކޯޓުގެ މިނިވަންކަން އެނގެމުންދާނީ އެ
މައްސަލަތަކާމެދު ކޯޓުން އަމަލުކުރާ ގޮތް ފެނުމުންކަމަށެވެ.
ޔައުޤޫބް އިތުރަށް ވިދާޅުވީ، އެމްޑީޕީ ވެރިކަމަށް
އަންނައިރު ގެންނަ ސިޔާސަތުތަކުގެ ތެރެއިން އެންމެ މައިގަނޑު އެއް ސިޔާސަތެއްގެ ގޮތުގައި
އަބަދުވެސް އޮންނާނީ ފަނޑިޔާރުގެ އިސްލާޙުކުރާ ވާހަކަ ކަމަށާއި، އެމްޑީޕީގެ ވެރިކަން
ނޫން އެހެން ވެރިކަންތަކުގައި އަބަދުވެސް ފެންނަނީ ސުޕްރީމް ކޯޓު އެއްކޮށް ހަލާކުކޮށްލާ
މަންޒަރު ކަމަށެވެ.