އިންތިޚާބުތަކާއެކު ރައްޔިތުންގެ ގާތަށް ދާން ޖެހޭ ދިއުން، ރައްޔިތުން ނުކުމެ ބަދަލު ކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި މެންބަރު ޒިޔާދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއެކު ނަގާ މި ރެފަރެންޑަމް އަށް ނޫނެކޭ ބުނަން ޖެހޭ ކަމަށާއި، އޭގައި ރައްޔިތުންނަށް ވާނުވާ ނޭނގޭ ކަމަށެވެ. އަދި ވާނުވާ ނޭނގޭ ކަމެއްގައި އާއެކޭ ވެސް ނުވަތަ ނޫނެކޭ ވެސް ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިމޮކްރަސީގެ ކޮންމެ ވެރިކަމެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދަނީ އިންތިޚާބުތަކާ އެކުކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ، ރެފަރެންޑަމް ސަރުކާރަށް ކާމިޔާބު ވެއްޖެނަމަ އެކަން ވެސް ބަދަލުވެ، ފަސް އަހަރުން އެއް ފަހަރު ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުގެ ބޭފުޅުން ރައްޔިތުން ގާތަށް ދާ ގޮތަށް ބަދަލުވާނެ ކަމަށެވެ.
މެންބަރު ޒިޔާދު ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް ސަރުކާރަށް ރައްޔިތުންގެ ގާތަަށް ދާން ޖެހޭ ކަމަށާއި، އެ ކަން ރައްޔިތުން ނުކުމެ ބަދަލު ކޮށްގެން ނުވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ހަވީރު މެންދުރު ނަމާދުން ފައިބައިގޮތަށް އެ ހިނގަނީއޭ މާލޭގެ އެއްގެއިން އަނެއް ގެއަށް. މިއީ އިންތިޚާބު. ހަމަ މަޣްރިބް ނަމާދު ނިމޭގޮތަށް އަޅުކަން ކުރުމަށް ފަހު 10 އެއްކޮށް ބަންދުކޮށްގެން މަޣްރިބް ނަމާދު ނިމޭގޮތަށް ދެމަފިރިން އެ ނުކުންނަނީ ޖަގަހަ ހުޅުވަން. ހަމަ މި އިންތިޚާބަށް އެއީ. އެހެންވީމާ، އިންތިޚާބެއް އައިމާ ރައްޔިތު މީހާ ކައިރިއަށް ދަނީ. އެއީ ސަރުކާރަށް ވެސް ބޭނުން ޖެހޭތީ ރައްޔިތުންގެ ގާތަށް ދާން. އެހެންވީމާ، އެ ފުރުސަތު ބަންދު ނު ކޮށްލާށޭ. އޭގެ މިސާލު ވެސް އަޅުގަނޑު ދައްކަމުން މި ދަނީ، ރައްޔިތުންގެ މަޖިލީހުގައި ތިބި މެންބަރުން ވެސް ހަމަ ހަގީގަތުތުގައި ވެސް ކަންބޮޑުވޭ ދާއިރާގެ ކަންކަން ނުވާތީ.ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
މީގެ އިތުރުން ވެސް މެންބަރު ޒިޔާދު ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އިންތިޚާބުތަކާ ދިމާކޮށް ރައީސް މުއިއްޒު ކަޑަ ނުޖަހާ ކަމަށް ވިދާޅުވި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށާއި، ބޮޑެތި ބިލްބޯޑުތައް ޖަހާ ކަމަށް އޭނާ ވިދާޅުވި އެވެ.