‏ގިރާވަރުފަޅުގެ ބިން އެއްކޮށް ހިއްކައި ގޯތި ދޫކުރާނެ އައު ތާރީހެއް އަނެއްކާ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ހޮނިހިރު ދުވަހު އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ކުރިއަށްދާ ކަމަށެވެ. 

މިމަޝްރޫއުގެ މަސައްކަތް އޭޕްރިލް މަހު އެއްކޮށް ނިމޭނެކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ސަރވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ 30 ޖެނުވަރީ 2026 ގަ އެވެ. ކުރީގެ ރައީސް އިބްހިރާމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި މިމަޝްރޫއު ކުރިއަށް ނު ގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން އޮތީ ދޫކޮށްލާފަ އެވެ. މިމައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ގިރާވަރުފަޅުން ގޯތި ލިބުނު މީހުން މީގެ ކުރިން މުޒާހަރާ ކޮށްފައިވެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ބިންވެރިޔާގެ ސްކީމުން ގޯތި ލިބުނު މީހުންނަށް ގޯތި ދޫ ކުރުމަށް އިސްކަން ނުދޭ ކަމަށާއި، އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބަދަލުގައި މަސައްކަތް ކުރަނީ ރަސްމާލެ ތަރައްގީ ކުރުމަށް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. 

މީގެ އިތުރުން އެތައް ފަހަރެއްގެ މަތީން ގިރާވަރުފަޅު ގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ގޯތި ލިބިފައިވާ މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށްގު ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވެ އެވެ.

ގިރާވަރުފަޅު ބިން ހިއްކުމުގެ މަޝްރޫއު އޭޕްރީލް މަހު ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ އެތައް ތާރީހުތަކެއް ދެއްވާފަ އެވެ. 

އެގޮތުން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު މައްޗަންގޯޅި ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ޖެނުއަރީ މަހުގެ ކުރީކޮޅު ގިރާވަރު ފަޅުގެ ހިއްކުމުގެ އަމަލީ މަސައްކަތް ފަށައި މާރިޗު މަހުގެ ނިޔަލަށް މި މަޝްރޫއު ވެސް އެއްކޮށް ނިންމާނެ ކަމަށެވެ. 

ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، އެމްއޭސީއެލުން ހިއްކަން ފަށާފައިވަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ.

ގިރާވަރުފަޅުން ޖުމުލަ 4 ސައިޒެއްގެ 4،072 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

އެއީ، 1250 އަކަފޫޓުގެ 2605 ގޯތި، 1650 އަކަފޫޓުގެ 1213 ގޯތި، 2050 އަކަފޫޓުގެ 253 ގޯތި އަދި 2450 އަކަފޫޓުގެ 1 ގޯއްޗެވެ.