މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި, ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. 

ހޮނިހިރު ދުވަހު ފުލުހުން ބުނީ، އެމްޕީއެލް އާ ދިމާ ބޭރުގައި، އެ ކުންފުނީގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު، 21 މާރިޗު 2026 ވަނަ ދުވަހުގެ ހެނދުނު 10:39 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. އަދި ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، އެކްސިޑެންޓް ހިނގި އިރު ލޯންޗްގައި ތިބީ ކެޕްޓަންގެ އިތުރުން 3 ފަޅުވެރިން ކަމަށެވެ.

މި އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.