ލ.އަތޮޅު ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި އެވެ. 

މިހާދިސާ ހިނގީ މިމަހުގެ 19 ވީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. 

ރާއްޖެއެމްވީއަށް އެކުއްޖާގެ ބައްޕަ ބުނީ، ހާދިސާ ހިނގި ވަގުތު ގޭގައި ހުރީ ހަމައެކަނި އަންހެން ދަރިފުޅު އެކަނި ކަމަށާއި، އޭނާ އޮތީ ގޯތިތެރޭގައި ހުރި ޖޯލީގައި ކަމަށެވެ.

އަންހެން ކުއްޖާއާ ހަވާލާދީ ބައްޕަ ބުނީ، ގާތްގަނޑަކަށް 22 އަހަރު ވެފައިވާ ފިރިހެނަކު އެގެއަށް އެވަގުތު ފޯނެއްގައި ހުރެގެން ވަތް ކަމަށާއި، ވަދެ އެންހެން ކުއްޖާ ފެނުމުން ''މި ބާއްވަންވީ ކޮންތާކު ތޯ ސުވާލު ކުރި ކަމަށެވެ. ނަމަވެސް އަންހެން ކުއްޖާ އެ ވަގުތު ހުރީ ވާނުވާގައި ކަމަށާއި، ޖަވާބުގައި ކޮން އެއްޗެއް ކޮންތާކު ބާއްވާ ވާހަކަތޯ އެ އަންހެން ކުއްޖާ ސުވާލު ކުރި ކަމަށެވެ.

އެމީހާ އުޅުނު ގޮތުން އެ އަންހެން ކުއްޖާ ބިރުގަނެ އިތުރަށް ސުވާލު ކުރަން ފެށުމުން ކައިރިއަށް އައިސް އެ ކުއްޖާގެ ކަރުގައި ހިފި ކަމަށާއި، ވަޅިން ބިރު ދެއްކި ކަމަށެވެ. އަދި އެއްވެސް މީހެއްގެ ގާތުގައި އެ ވާހަކަ ބުނެފި ކަމަށްވާނަމަ އެ ބުނާ މީހަކު އަދި ބައްޕަ ވެސް މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ބުންޏެވެ. 

އެ އަންހެން ކުއްޖާގެ ބައްޕަ ބުނީ، މިހާދިސާ ހިނގިފަހުން އެ ކުއްޖާ ވަރަށް ބޮޑަށް ނަފްސާނީ ވެފައިވާ ކަމަށާއި، ބޭރަށް ދިއުމަށް ވެސް ދެކޮޅު ހަދާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން އިންސާފު ހޯދުމަށް ލ. ހިތަދޫ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހެޅި ނަމަވެސް މައްސަލަ ނުބެލޭނެ ކަމަށާއި، އެރަށުގައި ހަރަކާތްތެރިވާ ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ. އޭގެފަހުން ގަން ޕޮލިސް ސްޓޭޝަނަށް ގުޅުމުން ވެސް މިމައްސަލާގައި ކުރެވޭނެ ކަމެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. 

ނަމަވެސް އިންސާފު ބޭނުންވާތީ މާލޭގެ ފުލުހުންގެ އިދާރާއަށް ގުޅައި ޝަކުވާ ކުރުމުން ގަން ޕޮލިސް ސްޓޭޝަނަށް ގުޅައި ކުރިއަށް ގެންދިއުމަށް އަންގާފައިވާ ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. އޭގެފަހުން ގަން ޕޮލިސް ސްޓޭޝަންގައި މައްސަލަ ރަޖިސްޓްރީކުރި ކަމަށް ވެސް ކުއްޖާގެ ބައްޕަ ބުންޏެވެ. 

އަންހެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންވާތީ ފިތުރު އީދު ދުވަހު ވެސް އުޅުނީ ކަމާގުޅޭ މުއައްސަސާތަކަށް ގުޅައި، މިކަމުގައި ކަން ފާހަގަކޮށް އެކުއްޖާގެ ބައްޕަ ބުނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތު ސޯޝަލް މިނިސްޓްރީގެ ދެ މުވައްޒަފުން ގެއަށް އައިސް އެކުއްޖާ ކައުންސިލް އިދާރާއަށް ގެންދިޔަ ކަމަށެވެ. އަދި އެ މުވައްޒަފުންގެ ހާޒިރުގައި ފުލުހުން ކުއްޖާއާ ސުވާލު ކުރި ކަމަށް އެ ކުއްޖާ ބުނެފައިވާ ކަމަށް ބައްޕަ ބުންޏެވެ. 

އެކުއްޖާގެ ބައްޕަ ބުނި ގޮތުގައި، ބިރު ދެއްކި ފިރިހެން މީހާއަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. ރަށު ތެރޭގައި ވެސް މަސްތުވާތަކެތި ވިއްކައި ގެތަކުން ބޮޑެތި ވައްކަންތައް ކުރި ނަމަވެސް އޭނާ ހައްޔަރުކޮށް އެއްވެސް ފިޔަވަޅެއް ފުލުހުންނަށް ނޭޅޭ ކަމަށް އޭނާ ތުހުމަތު ކުރި އެވެ. 

މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.