ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް ނ. ލަންދޫގައި ކާމިޔާބު ހަރަކާތެއް ބާއްވައިފި އެވެ.

މި ހަރަކާތުގެ ތެރެއިން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ދެކޮޅަށް އަޑު އުފުލައި، އެ ކަމުން އާއްމުންނަށް ލިބޭނެ ގެއްލުމާއި މެދު ހޭލުންތެރިކުރުވާފައިވެ އެވެ. މި ހަރަކާތުގައި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އާއި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

ދެ އިންތިޚާބު އެއްކޮށްލުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ނިންމާފައި ވަނީ ކުރިއަށް އޮތް އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބާ އެކު އެކީގަ އެވެ. ދެ އިންތިޚާބު އެއްކޮށްލުމަކީ ސަރުކާރުން އޭގެ ފަހަތުގައި ރޭވިފައިވާ ކަންތައްތަކެއް ހުރެގެން ކުރަމުންދާ ކަމެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީ އިން ދަނީ ސިފަކުރަމުންނެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރު ދިގުދަންމާލަން ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.