އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެފައިވާތީ ވަޒީފާއިން ވަކި ކުރަން ނިންމައިފި އެވެ.
މި މައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް ފުލުހުން ބުނީ، ފުލުހުންގެ ވަޒީފާގައި ތިބި ދެ މުވައްޒަފަކު ހުއްދަ ނޫން ޖިންސީ މުއާމަލާތްތެއް ހިންގިކަމުގެ ކުށް ސާބިތުވެ، 3 މާރިޗު 2026 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވެފައިވާތީ، ކޮންމެ މީހަކު ވެސް 5400 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ، ކޯޓުގެ މި ހުކުމާ ގުޅިގެން އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ އިދާރީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުށްކުރި ކަމަށް ސާބިތުވެފައިވަނީ ކޮންސްޓަބަލް ރޭންކްގައި ތިބި ދެ ފުލުހުންގެ މައްޗަށެވެ.